ވާހަކައާއި އަދަބިއްޔާތު

ދިރިއުޅެން ރަނގަޅީ ފްލެޓައްވުރެ ގޯއްޗެވެ.

ލިޔުން ކިޔައިފައިވާ ޢަދަދު: 517...

ޝަކީލާ ޙާމިދު
ޝަކީލާ ޙާމިދު
4 މިނެޓްގެ ކިޔުމެއް5 ސެޕްޓެމްބަރު 2026
ދިރިއުޅެން ރަނގަޅީ ފްލެޓައްވުރެ ގޯއްޗެވެ.

ލިޔުން ކިޔައިފައިވާ ޢަދަދު: 517

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 3މިނިޓު \|

**ގިނަ** ބައެއްގެ ނަޒަރުގައި ދިރިއުޅެން ރަނގަޅީ ގޯއްޗަށްވުރެ ފްލެޓެވެ. އެއީވަރަށް ގިނަ ސަބަބުތަކަކާ ހުރެ ކަމަށް އެހެން ބުނާމީހުން އިއްތިފާގުވެއެވެ. އެހެންނަމަވެސް ފލެޓަށްވުރެ ދިރިއުޅެން ރަނގަޅީ ގޯތިކަމަށް ގަބޫލުކުރާ މީހުންވެސް މަދެއްނޫނެވެ. އެމީހުން ވެސް ގޯތި ރަނގަޅުކަމަށް ބުނާ ސަބަބުތަކެއް ވެސް ދައްކައެވެ. އެ ގޮތުން ދައްކާ ހެކިތަކަކީ ގޯތީގެ ޖާގަ ބޮޑުވުމާއި، އަމިއްލަ ގޭގެ މާހައުލު އަމާންވުމާއި، ބޮޑެތިކުލި ދައްކަން ނުޖެހުމާއި އަދި ގޭގެ ކޮޓަރިތަކާއި ބައިތައް ކުއްޔަށް ދެވޭގޮތަށް ހެދެން ފުރުސަތު އޮތުމެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލާނީ ދިރިއުޅުމަށް ފުލެޓަށްވުރެ ގޯތި ރަނގަޅުވާ ސަބަބުތަކަށެވެ.

ފްލެޓަކީ ސަރުކާރުން ނުވަތަ ކޮންމެވެސް ބަޔަކު ކުއްޔަށް ދިނުމަށް އެ ބަޔަކު ބޭނުންވާ ގޮތަކަށް ބޭނުންވާ ޑިޒައިނަކަށް ހަދަފައިވާ ބޯހިޔަލެކެވެ. އެތަން ހުންނަ ވަރަށްވުރެ ބޮޑެއް އަދި ކުޑައެއްވެސް ނުކުރެވޭނެއެވެ.  އެއީ އެ ފްލެޓްގައި ދިރިއުޅޭ ބަޔަކު ކިތަންމެ ބޭނުންވިޔަސް ބަދަލުކުރެވެން އޮންނަ ކަމެއްނޫނެވެ. ގިނަމީހުން އުޅެން ބޭނުންވަނީ އެބަޔަކު ހިތްރުހޭ ޑިޒައިނަކަށް ނުވަތަ ގޮތަކަށް ހަދާފައި ހުންނަ ބޮޑެތި ގެތަކުގައެވެ. މިފުރުސަތު އެމީހުންނަކަށް ނެތެވެ. އެހެންނަމަވެސް ގޯތިތަކުގައި ގެއަޅާއިރު ބޭނުންވަރަކަށް ކޮޓަރި އާއި، ސިޓިންގރޫމާއި އެހެނިހެން ތަންތަން ލައިގެން ހެދޭނެއެވެ. އަދި ގެއަށް އިތުރު ކުރަން ބޭނުންވާ ތަނެއް އިތުރުވެއެވެ. އެއީ ޖާގައިގެ ތަނަވަސްކަން އޮތުމުންނެވެ. ފްލެޓްގައި ހުންނާނީ ހުންނަ 2 ނުވަތަ 3 ކޮޓަރިއެވެ. އެތަނަށް ގެންނާނެ މާބޮޑުބަދަލެއް ނޯވެއެވެ. އަދި ހަމަ މިއާއެކު ދަނޑުގޮވާން ކުރުމަށް އެއްޗެހި ހެއްދުމާއި، ގެއުސްކޮށް ހަދައި ކޮޓރި ގިނަކުރުމާއި އަދި ކާރާއި ސައިކަލުލާނެ ޖާގަލިބުމަކީ ގޯތި، ފްލެޓަށްވުރެ ރަނގަޅުވާ ސަބަބުތަކެވެ. ބައެއް މީހުން ބުނެފާނެއެވެ. ތިހާ އަރާމުގައި ފަސޭހަކޮށް އުޅެން ބޭނުންވާ މީހާ ގޯއްޗެއްގަނެގެން ގެ އަޅަންވީއެވެ. ނަމަވެސް ފްލެޓަށް މިދަނީ އެ ވަރުގެ ތަނަވަސްކަން ނެތީމައެވެ. އޭގެ މާނައަކީ އިންސާނަކަށްވީތީ އޭނާ ބޭނުންވާ ގޮތް ގޯސްވުމެއް ނޫނެވެ.

ތެދެކެވެ. ފްލެޓަކީ ޢިމާރާތްކޮށް ކުލަލައި ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ފުރިހަމަކޮށްފައިވާ ތަނެކެވެ. ގަންނަން ޖެހެނީ ހަމައެކަނި ފަރުނީޗަރެވެ. ނަމަވެސް ފްލެޓަކީ ކޮންމެ މަހަކު ރުފިޔާދައްކައިގެން ކުލި ދީގެން އުޅެންޖެހޭ ތަނެކެވެ. 2 މިލިއަނެއްހައި ރުފިޔާ ޖުމްލަ ދައްކަންޖެހެއެވެ. މިއަދަދު ދައްކާ ނިމެނީ އެތަނުގައި ދިރިއުޅޭ މީހާ މުސްކުޅިވާ ފަހުންނެވެ. މަރުވެއްޖެނަމަ ދެމަފިރިންކުރެ އެކެއްގެ ބޮލުގައި އެ ދަރަނި އެޅެއެވެ. ވިސްނަންވީ ކަމަކީ މިރުފިޔާއަކީ ގޯއްޗެއްގައި ރަނގަޅު ފެނވަރުގެ ގެއެއް އެޅޭހާ ރުފިޔާކަމެވެ. ފްލެޓްގައި ބޭނުންވާ ކުލަޔަކުން ކުލަލައި ފަރުނީޗަރާއި ބަދިގެއަށް ކަބަޑު އެއްޗެހި ލެވޭއިރު 1ލައްކައެއްހައި ރުފިޔާ އަތުންދެއެވެ. އެހެންކަމުން މިކުޑަ ޖާގައިގެ ފްލެޓްގައި ކުލިދައްކާގެން އުޅުމަށްވުރެ އެރުފިޔާއަށް ގެއެޅުމަކީ މާބުއްދިވެރި ކަމެކެވެ.

އަމިއްލަ ގެއެއްގައި އުޅޭއިރު އެ މާހައުލު މާ އަމާންވާނެއެވެ. އެއީ އެބައެއްގެ އަމިއްލަ މިލްކު ގެއެވެ. އެގޭގެ އިންފާރު ވަކި ކުރެވިފައި ހުރުމުން އެހެންބަޔަކު އެ އިންފާރު ތެރެއަކަށް ނުވަންނާނެއެވެ. ފްލެޓެއްގައި ދިރިއުޅޭއިރު ވަށައިގެން އެތައްބަޔަކު އެބައުޅެއެވެ. އެއްސިޑިއެއް އެބަ ބޭނުންކުރެއެވެ. އެތައްބައެއް ހަޅޭލަވާ އަޑާއި، ލަވަޖަހާ އަޑާއި ނުފެންނަންޖެހޭ އެތައް މަންޒަރެއް ފެނުން ފަދަ ހިތަށް އުދަނގޫވާ އެތައް ކަމެއް ހިނގައެވެ. މިއާޚިލާފަށް ގޭގައި އުޅުމުން ވަށައިގެން ހުންނާނީ އިންވަކިކޮށް އުސް ފާރެއް ރާނާފައެވެ. ގެއިން ބޭރުން ހިނގާ ކަމެއް ނޭގޭނެއެވެ. އަމާންކަމާއި ރައްކާތެރިކަން ޔަގީން ވާނެއެވެ. އެހެންބައެއްގެ ޝަކުވާތަކުގެ އަޑުއަހާކަށް ނުޖެހެއެވެ. އެހެންކަމުން ދިރިއުޅުމަށް ފްލެޓަށްވުރެ ގޯތި އަމާންވެ ރައްކާތެރިވެގެން އެބަ ދެއެވެ. އަމިއްލަ މިނިވަން ކަމުގެ އުފާ ލިބެއެވެ.

ގެތައް އިމާރާތް ކުރާއިރު އުސްކޮށް ދެތިން ބުރިއަށް އިމާރާތް ކުރުމަކީ މިހާރު މާބޮޑުކަމެއް ނޫނެވެ. ގެ އަޅަން ފަށައިގަންނައިރު އެވަރު ނުވިއަސް ފަހުންވެސް އެކަން ކުރެވޭނެއެވެ. އެހެންކަމުން ގެ އަޅާއިރު ދެތިން ބުރިއަށް ހަދާފައި ކޮންމެ ބައެއްގައި އެޕާޓްމެންޓުތައް ހެދޭނެއެވެ. ތިރީގައި ގަރާޖާއި، ގަސްހައްދާނެ ތަންކޮޅަކާއި އަދި ކުދިން ކުޅެލާނެ ތަންކޮޅެއްވެސް ހެދިދާނެއެވެ. ފްލެޓްގައި މިހެންހެދޭނެ ޖާގައެއް ނޯވެއެވެ. އަދި ކުއްޔަށް ދޭންވެސް ގިނަފަހަރު ހުންނަނީ އެންމެ ކޮޓްރިއެކެވެ. އެކަމަކު ގޯތީގައި ގެ އަޅާއިރު އެޕާޓްމެންޓް ހެދުމުން، ގޭގައި އާއިލާއާއި އެކު އުޅެން އެޕާޓްމެންޓް ނެގުމަށްފަހު ބާކީބައިތައް ކުއްޔަށް ދީގެން އިތުރު އާމްދަނީ ހޯދާނެ މަގުވެސް ފަހިވީއެވެ. އެހެންކަމުން ގޯތީގައި ގެއަޅައިގެން ދިރިއުޅުން ފްލެޓްތަކުގައި އުޅުމަށްވުރެ މާލީގޮތުން ބެލިކަމުގައި ވިޔަސް މާފައިދާ ބޮޑެވެ.

ބޯހިޔާވަހިކަމަށް އެންމެ ރަނގަޅީ ފްލެޓަށްވުރެ ގޯތިކަމަށް ކަމުގެ ހަގީގަތާމެދު ފުންކޮށް ވިސްނާ ބަޔަކަށް ގަބޫލު ކުރެވޭނެއެވެ. ޖާގައިގެ ގޮތުންނެވެ. އަމާންކަމުގެ ގޮތުންނެވެ. އަދި މާލީގޮތުން ވެސްމެއެވެ. ކުލިދައްކަން ނުޖެހޭތީއެވެ. ކުއްޔަށް ދީގެން އާމްދަނީ އިތުރުކުރުމުގެ ފުރުސަތު އޮތުމުންނެވެ. ގޯއްޗަށްވުރެ ފްލެޓް ރަނގަޅުކަމަށް ބައެއް މީހުން ދެކެމުންދާއިރު ފެންނަން އޮތް ހަގީގަތަކީ ފްލެޓެއްގައި ދިރިއުޅުމަކީ އަޅުވެތިކަމެއް ކަމެވެ. އަދި މިއީ ބަޔަކު ގަބޫލުކުރިއަސް ނުކުރިޔަސް މަހެއްގެ މައްޗަށް އެތައް ހާހެއް ފްލެޓަށް ޚަރަދުކުރުމަށްވުރެ އެ ލާރިކޮޅު އެއްކޮށްގެން ގެއެއް އަޅައި ގޭގައި ދިރިއުޅުން ހުރިހާ ގޮތަކުންވެސް ރަނގަޅުވާ ސަބަބެވެ.

2. ދިރިއުޅެން ރަނގަޅީ ފްލެޓަށްވުރެ ގޯތިކަމަށްވެދާނެއެވެ. އެހެންވިޔަސް، ހަމަގައިމު ވެސް، "ފްލެޓައްވުރެ" (ޓަވިޔަންޏާއި ވާވާ ދެމެދަށް އަލިފު ސުކުން) ގެނެސްފައި އޮތުމަށްވުރެ ރަނގަޅުވާނީ އެ ތަނުގައި ށަވިޔަނި ސުކުނެއް ލިޔެފައި އޮތުމެވެ.

Your email address will not be published.

މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.

ދިވެހި ބަސްއަދަބިއްޔާތުލިޔުންތެރިން