ލިޔުން ކިޔައިފައިވާ ޢަދަދު: 174
ތަޢުޒިޔާގެ ދަފުތަރު
ލިޔުން ކިޔައިފައިވާ ޢަދަދު: 174...

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: < 1މިނިޓު \|
01. ވައިކަރަދޫ ޢަލިކަތީބުގެ ނަން އަޅުގަނޑު އަހަމެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ ޙައްޤުގައި ހިތްވަރުފުޅާއެކު ވަކާލާތު ކުރެއްވި ބޭފުޅެއް ކަމަށް ކިޔާތީވެސް އަހަމެވެ. އެހެން ނަމަވެސް ދުވަހަކުވެސް ފައިންޕުޅު ނުފެނި ހުރެފައި ފެންނަ ގޮތްވީ އަޅުގަނޑުގެ އަޚް އަޙްމަދު ސަމީރު ޢަލީގެ ގޭގައި ބޭއްވުނު ކެއުމެއްގެ ތެރެއިންނެވެ.
ޢަލިކަތީބުގެ ވާހަކަތައް އަޅުގަނޑަށް އިވިފައި ވަނީ އިތުބާރު ހުރި ބޭފުޅެއްގެ ފަރާތްޕުޅުންނެވެ. އެއީ ސީދާ ސަމީރެވެ. ޢައިލާގެ ބަދަހި ގުޅުމަށާއި، ދަރީންގެ ތަޢުލީމަށް އޭނާ ދެއްވާ އަހަންމިއްޔަތު ސަމީރު އެތައް ފަހަރަކު އަޅުގަނޑަށް ވިދާޅުވެ ދެއްވައިފައި ވެއެވެ. އެ ވާހަކަފުޅުތަކުން އަޅުގަނޑަށް ފެނިފައި ވަނީ މަޑުމައިތިރި، ވާހަކަފުޅު މަދު، ވިސްނުންފުޅު ތޫނު ބޭފުޅެކެވެ. ސަމީރު ވިދާޅުވާ ގޮތުގައި ސަމީރުގެ ލިޔުއްވުންތަކާ މެދުވެސް ބައެއް ފަހަރު ބައްޕަ ވާހަކަފުޅު ދައްކަވައެވެ. ޚިޔާލުފުޅު ދެއްވައެވެ.
ޢަލިކަތީބުގެ ޢާއިލާއިން އަޅުގަނޑު ދަންނަނީ ތިން ބޭފުޅެކެވެ. އެއީ ސަމީރާއި، ސަމީރާއާއި، ޑޮކްޓަރ ޢާރިފެވެ. ތިން ބޭފުޅުންގެ ފަރާތްޕުޅުން ފެންނަ މަޑުމައިތިރި ރީތި އަޚްލާޤަކީ އެ ބޭފުޅުންގެ ބައްޕަގެ (ޢާރިފްގެ ކާފަގެ) ފަރާތްޕުޅުން ލިބިވަޑައިގެންފައިވާ އަޚްލާޤެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ.
ޢަލި ކަތީބު އަވަހާރަވުމުން ޢާއިލާއަކަށް ގެއްލިގެން އެ ދިޔައީ ވަރަށް އަގުހުރި "މުދަލެކެވެ." ބައްޕައެކެވެ. ކާފައެކެވެ.
މާތް ﷲ ޢަލިކަތީބު (ޢަލީ ސުލައިމާން)ގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި އޭނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި ދިރިއުޅުން ފަހި ކުރައްވާށިއެވެ. އާމީން.
02. އަޅުގަނޑުމެންގެ އަޚް އަޙްމަދު ސަމީރު ޢަލީގެ ލޮބުވެތި ބައްޕަ، އަލްފާޟިލް ޢަލީ ސުލައިމާނު (ވައިކަރަދޫ އަލިކަތީބު) އަވަހާރަވީ ޚަބަރު އަޅުގަނޑަށް ލިބުނީ، ލިޔުންތެރިންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ ވައިބަރު ގުރޫޕުގައި މިއަދު ހެނދުނު 6.09 ގައި އަޚް ސަމީރު ލިޔުއްވި ވައިބަރު މެސެޖަކުންނެވެ.
ހަމަ އެވަގުތުން ފެށިގެން ހިތާމަވެރި އެ ޚަބަރު، އަޅުގަނޑުމެންނާ ގުޅުންހުރި ވީހައި ގިނަ ފަރާތްތަކަށް ފޯރުކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރީމެވެ. ސަބަބަކީ، އަޚް އަޙްމަދު ސަމީރަކީ، ލިޔުންތެރިންގެ ގުޅުމާއި ލިޔުންތެރިންގެ ސައިޓާއި ލިޔުންތެރިޔާ މަޖައްލާގެ ޢާއިލާގެ އެންމެންގެ ވަރަށް އިޙްތިރާމް ކުރާ މެންބަރަކަށް އަދި ލިޔުންތެރިޔަކަށް ވުމެވެ.
އަޅުގަނޑު އަޚް ސަމީރު ދަންނަން ފެށީއްސުރެ ފާހަގަ ކުރެވިފައިވަނީ، ވަރަށް ޢާއިލީ ވެއްޓެއްގައި އުޅުއްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ސަމީރު، އޭނާގެ ބައްޕައާމެދު އޮންނަ ގާތްކަމާއި ލޯތްބަކީ، ނަމޫނާއެކެވެ. ބައްޕަގެ ކަންތައްތަކަށް ދެއްވާ ސަމާލުކަމާއި ވިސްނަވާ މިންވަރު އަޅުގަނޑަށް ވަޒަން ކުރެވެއެވެ.
އަޚް ސަމީރުގެ ބައްޕަ، މަރުޙޫމް އަލި ކަތީބަކީ، ހަމައެކަނި އެ ޢާއިލާގެ ބައްޕައެއް ނޫނެވެ. އެ އަތޮޅުގެ އަދި ޚާއްޞަކޮށް ވައިކަރަދޫގެ ބައެއް މީހުންގެ ފަރާތުން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވައިކަރަދޫ އަލިކަތީބަކީ، ރަށާއި އަތޮޅުގެވެސް \[ބައްޕަ\] އެކެވެ. ޚާއްޞަކޮށް އިޖުތިމާޢީ އަދި ތަޢުލީމީ އެތައްކަމެއްގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގިނަގުނަ އެހީފުޅުތަކެއް ވެދެއްވަމުން ގެންދެވި ދީލަތި ބޭފުޅެކެވެ.
އެހެންކަމުން އަލި ކަތީބު އަވަހާރަވުމުން ހދ. އަތޮޅާއި ވައިކަރަދުއަށް އެގެއްލުނީ، އަގުހުރި ޚިދުމަތްތެރިއެވެ. މާތްﷲ، މަރުޙޫމު އަލި ކަތީބުގެ ފުރާނަފުޅަށް ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި، އޭނާގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަމާއި ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ. އާމީން
\[ދާދިއަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް،\ \ ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ\]
03. އަލްއަޚު އަޙުމަދު ސަމީރު ޢަލީގެ ލޯބުވެތި ބައްޕަ، ވައިކަރަދޫ ޢަލީ ކަތީބު (ރަޙިމަހުﷲ) ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު ލިބުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އަޚު ސަމީރު ކުރެއްވި މެސެޖަކުންނެވެ. އެވަގުތުންފެށިގެން ލިޔުންތެރީންގެ ގުޅުމުގެ މެންބަރުންނާއި އަދަބީ ބޭބޭފުޅުންގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައި މަސައްކަތްކުރެވުނެވެ. ލިޔުންތެރީންގެ ގުޅުމުގެ ރަސްމީ ވެބްސައިޓްގައި އެ ޚަބަރު ޝާއިޢުކުރެވުނެވެ. ސަމީރަކީ ލ.ގ ގެ އެންމެ ޚިދުމަތްތެރި އެއް މެންބަރަށްވެސް ވުމާއެކުގައެވެ.
އަނެއްކޮޅުން މަރުޙޫމް ޢަލިކަތީބަށް ސަމީރު ކުރައްވާ އިޙުތިރާމް ސަމީރުގެ ވާހަކަފުޅުތަކުންނާއި ޢަމަލުފުޅުތަކުން އަޅުގަނޑަށް ވަށް ރަނގަޅަށް އެނގެއެވެ.
ޢަލިކަތީބުގެ ބޭފުޅުންގެ ތެރެއިން އަޅުގަނޑަށް އެނގެނީ ސަމީރާ އާއި ސަމީރާއި ޒުހައިރެވެ. (ޒުހައިރަކީ އަލިކަތީބުގެ ބޭފުޅެއްކަން އެނގުނީ އަލިކަތީބު އަވަހާރަވި ފަހުންނެވެ.) މި 3 ބޭފުޅުންގެ ކިބައިގައިވެސް ހުރި މަތިވެރި އަޚުލާޤަކީ ޢާއިލާއިން ލިބިވަޑައިގަތް ތަރުބިއްޔަތުގެ ނަތީޖާ އެވެ.
ޢަލިކަތީބަކީ ދިގު މުއްދަތެއްގައި ރަށާއި އަތޮޅާއި ޤައުމަށް ވިޔަ ނުކުރެވޭފަދަ މަތިވެރި ޚިދުމަތްތަކެއް އަދާކުރައްވައިފައިވާ "ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރި"އެކެވެ. ކުރީގެ ކަތީބެކެވެ. އަތޮޅުވެރިޔެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. ޕިލަންތެރަޕިސްޓެކެވެ. އިޙުސާންތެރި ޚުލްޤު ހެޔޮ ބައްޕައެކެވެ. ޢާއިލާގެ އެކަންޏެއް ނޫނެވެ. ރަށާއި އަތޮޅުގެ ވެސް "ބައްޕަ"އެކެވެ.
މާތް ﷲ، އަލްމަރުޙޫމު ޢަލީ ސުލައިމާނަށް (އަލިކަތީބަށް) ޖަންނަތުލްފިރުދައުސް މިންވަރުކުރައްވާށި އެވެ! އާމީން!
04. މ. ލަކީ ސްޓާރ އަލްފާޟިލް ޢަލީ ސުލައިމާން (ވައިކަރަދޫ ޢަލި ކަތީބު) މި ވަގުތީ ދުނިޔެ ދޫކުރައްވާ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވި ވާހަކަ އަޅުގަނޑަށް އަޑުއިވުނީ ފޭސްބުކު ޕޭޖްއިން އަޙްމަދު ސަމީރުގެ ސްޓޭޓަސް އިންނެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އަޙްމަދު ސަމީރަށާއި ޢާއިލާގެ އެހެން ބޭފުޅުންނަށް ކެތްތެރިކަން ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި އަލްމަރުހޫމް ޢަލީ ސުލައިމާންގެ ފުރާނަފުޅަށް މާތް ﷲ ރަޙްމަތްލައްވަވާ އެ މަރްޙޫމްގެ ފާފަފުއްސެވުން އެދި އެކަލާންގެ ޙަޟްރަތުގައި ދުޢާދަންނަވަން.
05. އަލްއަޚް އަހުމަދު ސަމީރު ލޮބުވެތި ބައްޕަ އާއި ފުރަތަމަ ބަައްދަލުވީ މީގެ އަހަރެއްހާ ދުވަސް ކުރިން މ. ލަކީ ސްޓަރ ގައި އޮތް މާހެފުމަކުން ނެވެ. ކުރިން ބައްދަލުވެފައި ނުވާ ވައިކަރަދޫ ޢަލީ ސުލައިމާނަކީ މަޑުމައިތި ހިތް ހެޔޮ މިޒާޖެއްގެ ވެރިއެކެވެ. އަލި ކަތީބު ފިހާރަ އަކީ ވަރަށް މަޝްހޫރު ތަނަކަށް ވިއަސް ޢަލި ކަތީބާ ދުވަހަކުވެސް ބައްދަލުވެފައި ނެތުމުން މިބައްދަލު ވުން ވީ ވަރަށް ވެސް ރަނގަޅު ފުރުސަތަކަށެވެ. އެރޭގެ ހަފުލާގައި ލިޔުންތެރިންގެ ގުޅުމުގެ 60 ހަކަށް މެންބަރުން ބައިވެރިވެ ވަޑައިގަތެވެ ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ގަދަރުވެރި ރަށްވެހިން ވެސް މިބައްދަލުވުމުގައި ތިއްބެވިއެވެ. އެ ހުރިހާ ބޭފުޅުންނާ ވެސް ޢަލި ކަތީބު ވަކިވަކިން ސަލާން ކުރެއްވިއެވެ. އެކަމުން ދޭހަވީ ޢަލި ކަތީބަކީ ވަރަށް ހިތް ހެޔޮ މިޒާޖެއްގެ ބޭކަލެއްކަމުގައެވެ.
އާއިލާ ގެ އެންމެހާ މެންބަރުންނަށް ކެތްތެރި ކަންދެއްވާށި. ޢަލީ ސުލައިމާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި.
06. އަޅުގަނޑުމެންގެ އަޚް ސަމީރުގެ ބައްޕާފުޅު މަރުޙޫމް ޢަލީ ސުލައިމާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތްދެއްވައި އެމަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަމާއި ހެޔޮ ރަޙުމަތް މިންވަރުކުރެއްވުން އެދި ދުޢާކޮށް އެޢާއިލާގެ އެންމެހާ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވަން.
މަރުޙޫމް ޢަލީ ސުލައިމާނަކީ ނުހަނު ހިތްޕުޅު ހެޔޮ އޯގާތެރި ބޭފުޅެއް. ދެކުނު ތިން އަތޮޅުގެ ހަމަނުޖެހުމާއި ގުޅިގެން 1962 ގައި ދިވެހިސަރުކާރުން އުތުރުގެ ރަށްރަށަށް ފޮނުވާލެއްވި އެއަތޮޅުތަކުގެ މީހުންގެތެރެއިން މަރުޙޫމް ޢަލީ ސުލައިމާނުގެ ފައިންޕުޅު ފެނި ބައްދަލުވެފައިވާ މީހުންނަކީ އެމަރުޙޫމްގެ ދީލަތިކަމާއި ހެޔޮފުޅުކަން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ބަޔެއް. إنالله وإناإليه راجعون
07. އަލްއަޚް އަޙްމަދު ސަމީރު ޢަލީގެ ލޮބުވެތި ބައްޕަ އަލްފާޟިލް ޢަލީ ސުލައިމާން (ރަޙިމަހުﷲ) އަވަހާރަ ވުމުގެ ހިތާމައިގައި ސަމީރަށާއި ސަމީރުގެ ލޮބުވެތި އަނބިކަނބަލުން އަލްފާޟިލާ އާމިނަތު ސަޢީދާ އަށާއި ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވަމެވެ.
ސަމީރަކީ އޭނާގެ ރަޙްމަތްތެރިންނާއި އެމީހުންގެ ޢާއިލާއަށް ވަރަށް ހެޔޮ ދީލަތި ބޭފުޅެއްކަން ފާހަގަކުރެވެއެވެ. މިހެޔޮކަން ސަމީރަށް ވާރުތަވެފައިވަނީ އޭނާގެ މަރްޙޫމް ބައްޕަގެ ކިބައިން ކަމަށް ޤަބޫލުކުރެވެއެވެ.އެހެނީ އެގިފައިވާ ގޮތުގައި ސަމީރުގެ ބައްޕައަކީ ދީލަތި،އެހެންމީހުންނާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.ސަމީރު މެންގެ ބައްޕަ އަވަހާރަވުމުން އެޢާއިލާއަށް އެގެއްލުނީ ވަަރަށް އަގުހުރި ބައްޕައެކެވެ އަދި ކާފައެކެވެ. މާތްﷲ އެމަރްހޫމްގެ ފުރާނަފުޅަށް ހެޔޮރަޙްލައްވައި ޢާއިލާއަށް ކެތްތެރިކަމާ ހެޔޮނަސީބު މިންވަރުކުރައްވާށިއެވެ.
08. އަޅުގަނޑުގެ އަޚް އަޙްމަދު ސަމީރުގެ ލޮބުވެތި ބައްޕަ އަލްފާޟިލް ޢަލީ ސުލައިމާން (ވައިކަރަދޫ އަލިކަތީބު) އަވަހާރަވީ ޚަބަރު އަޅުގަނޑަށް ލިބުނީ އުތީމަށާއި ހަނިމާދުއަށް ކުރި ދަތުރެއްގައި އަޅުގަނޑު ހަނިމާދޫގައި ހުއްޓައެވެ. އަޅުގަނޑަށް މާލެ އާދެވިގެން ސަހަރާއަށް ދެވުނުއިރު މަރްޙޫމްގެ ސަންދޯއް އެމްބިއުލެންސަށް ލަނީއެވެ. މަސްޖިދުއްސުލްޠާނު މުޙައްމަދު ތަކުރުފާނުލްއަޢުޡަމަށް ގެންދިއުމަށެވެ. ޢިޝާ ނަމާދަށްފަހު ބޭއްވޭ މަރްޙޫމްގެ ކަށުނަމާދަށެވެ.
ފަހަކަށް އައިސް ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން އިންތިޒާމުކުރި ދެކަމެއްގައި މ.ލަކީ ސްޓާރއަށް ދިޔުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އެތަނުން ކޮންމެވެސް އެއްފަހަރަކު ސަމީރުގެ ބައްޕައާއި ޢާއިލާގެ ބައެއް މެންބަރުންނާ ބައްދަލުވީ ހަނދާނެއް އަޅުގަނޑު ވެއެވެ.
އަޅުގަނޑުގެ އަޚް ސަމީރަކީ ވަރަށް ޚުލްޤު ހެޔޮ އެކީގައި އުޅެން ފަސޭހަ އެކުވެރިއެކެވެ. ޢިލްމަށް ލޯބިކުރައްވާ ލިޔުންތެރިއެކެވެ. އެފަދަ މީހަކަށް ވުމުގައި އެންމެއިސް ދައުރެއް ކުޅޭނީ ހެޔޮލަފާ މައިންބަފައިންގެ އުނގުން ލިބޭ ތަރުބިއްޔަތެވެ. ކޮންމެއަކަސް ވައިކަރަދޫ އަލިކަތީބަކީ، ރަށަށާއި އަތޮޅަށް މަތިވެރި ޚިދުމަތްތަކެއް ކުރެއްވި މުޅިރާއްޖެއަށް މަޝްހޫރު ބޭފުޅެކެވެ. ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ޤަދަރުވެރިއެކެވެ.
މާތްﷲ އަލްމަރްޙޫމް ޢަލީ ސުލައިމާނަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން
09. إنا لله و إنا إليه راجعون ، إن لله ما أخذ و له ما أعطى و كل عنده بأجل مسمى !
ކީރިތި ﷲ މަރްޙޫމް ޢަލީ ސުލައިމާނަށް ހެޔޮ ރަޙްމަތް މިންވަރު ކުރައްވައި، ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއެއް ކަމުގައި ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި!
އެ މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި، ދެދުނިޔޭގެ ބާއްޖަވެރިކަން ހުރި މަގުގައި ސާބިތު ކުރައްވާށި!
10. މާތް ﷲ މަރުޙޫމް ޢަލީ ސުލައިމާންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަހުމަދު ސަމީރާއި ޢާއިލާއަށް ކެތްތެރިކަން ދެއްވައި ރަޙުމަތް ލައްވާށިއެވެ. އާމީން.
11. بسم الله الرحمن الرحيم
އަލްމަރްޙޫމް ވައިކަރަދޫ ޢަލީ ސުލައިމާނަކީ ބޮޑުތިލަދުންމަތީގެ ފަހުގެ ދުވަސްތައް ގުނެމުންދިޔައިރު އަތޮޅުގެ އިސްސަފުން އިސްމަގާމެއް ލިބިވަޑައިގެންނެވި އަތޮޅުގެ ޢިއްޒަތްތެރިއެކެވެ. އެއީ އެދުވަސްވަރު މުޅިއަތޮޅު ދަންނަ މަޝްހޫރު ވައިކަރަދޫ އަލިކަތީބެވެ.
އަލިކަތީބަކީ ސިޔާސީ ބޭފުޅެކެވެ. މިނިވަން ޚިޔާލެއްގެ ވެރިއެކެވެ. ކަންކަމުގައި ދުރަށް ވިސްނާވަޑައިގަންނަވާ ވިސްނުންތެރިއެކެވެ. ވައިކަރަދޫގެ މުދިމްކަމާ ކަތީބުކަމާ އަތޮޅުގެ އަތޮޅުވެރިކަމުގައި ހޭދަކުރެއްވި ޚިދުމަތުގެ ދިގު މުއްދަތުގައި ހޯއްދެވި ތަޖުރިބާގެތެރެއިން ނަތީޖާ ހާސިލްކުރެއްވި ތަޖުރިބާކާރެކެވެ. ރައްޔިތުންގެ މަޖިލީހުގައި ހދ.އަތޮޅުގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރެއްވި ވަކީލެކެވެ.
އަލިކަތީބު ވަނީ އޭނާ ޚިދުމަތްކުރެއްވި ދާއިރާގެ ރައްޔިތުންގެ ރުހުމާ ލޯބި ހޯއްދަވާފައެވެ. އުފަން ރަށުގެ ރައްޔިތުންނަށްޓަކައި ވަޒަނުގެ ކުލުނުގައި ގުރުބާނީތަކެއް ވެވަޑައިގެންފައެވެ. އަމިއްލަފުޅު ދިރިއުޅުއްވުން ތަރައްޤީ ކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުން މަތިވެރި ކާމިޔާބީއެއް ހާސިލްކުރައްވާފައެވެ.
މިއަދު އޭނާ މިފަނާވަނިވި ދުނިޔެ ދޫކުރެއްވީ މުޖުތަމަޢު ޤަބޫލުކުރާ ޤާބިލު ޢާއިލާއެއް ދިވެހި އުއްމަތަށް ދޫކުރައްވާފައެވެ.
މާތްﷲ، މާތް މަރްޙޫމްގެ ފާފަފުއްސަވައި ސުވަރުގޭގެ ހެޔޮރަޙްމަތާއި ދާއިމީ ނިޢުމަތުގައި ލަހައްޓަވާށިއެވެ. ޢާއިލާއަށް ކެތްތެރިކަން އިތުރު ކުރައްވާށިއެވެ. އާމީން
12. بسم الله الرحمن الرحيم
އަލްފާޟިލް ޢަލީ ސުލައިމާން (ޢަލިކަތީބު) އަކީ އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ދަންނަ އިޙްތިރާމްކުރާ ބޭފުޅެކެވެ. އޭނާއަކީ އަޅުގަނޑުގެ ބައްޕަ އަލްމަރްޙޫމް އިބްރާހީމް މަނިކު ދޮންމަނިކުގެ ގާތް ރަޙްމަތްތެރިއެއް ކަމުގައިވާތީއެވެ. އެދުވަސްވަރުން ފެށިގެންވެސް އަޅުގަނޑަށް ޢަލިކަތީބު ދަސްވެފައި އޮންނަނީ ޤައުމީ ކަންކަމާެދު ޚިޔާލުފާޅުކުރައްވާ، ޤައުމުގެ ކަންތައްތައް އިޞްލާޙްކުރެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ހަމައެއާއިއެކު ތަރައްޤީއާއި ތަހްޛީބަށް އުންމީދުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިދެންނެވި ކަންކަމަށް މަގުހޯއްދެވުމުގައި ޢަލިކަތީބު ކުރިއަށް ވަޑައިގެންފައިވަނީ ތެދުވެރިކަމާއި އިޚްޞްތެރިކަމާއެކުގައެވެ. ސާބިތުކަމާއި ހަރުދަނާ ކަމުގައެވެ. ވަރުގަދަ އިމާނެއްގައި ނުގުޑާފަދަ ޢަޒްމެއްގައެވެ.
ވައިކަރަދޫގެ ކަތީބުގެ ގޮތުން، ރައްޔިތުންގެ މަޖިްލިސްގެ ހދ. އަޔޮޅުގެ މެންބަރުގެ ގޮތުން ޢަލިކަތީބު ޤައުމަށާއި އަތޮޅަށް އަދި އޭނާގެ ރަށަށް ކޮށްދެއްވި ޚިދުމަތްތަކަކީ އަގުނުކުރެވޭފަދަ ޚިދުމަތްތަކެކެވެ. ވިޔަފާރިވެރިއެއްގެ ގޮތުން ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ކާމިޔާބު ހޯއްދެވި ބޭފުޅެކެވެ. ބައްޕައެއްގެ ގޮތުން އޭނާ ތަރުބިއްޔަތު ކުރައްވާފައިވާ ޢާއިލާއަކީ ޢަލިކަތީބުގެ ޝަޚްޞިއްޔަތުގެ ދިރިހުރި ނިޝާނެކެވެ.
މާތްﷲ މަރްޙޫމް ޢަލިކަތީބަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވާށިއެވެ. އޭނާގެ ޢާއިލާއަށް ކެތްތެރިކަމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.
13. އަޅުގަނޑުމެންގެ ބައްޕަ ނިޔާވުމާއި ގުޅިގެން މި ވެބްސައިޓުގައި ތަޢުޒިޔާ ދަފްތަރެއް ހުޅުއްވައިދެއްވި ކަމަށްޓަކައި ލިޔުންތެރިންގެ ގުޅުމުގެ އިސް ބޭބޭފުޅުންނަށް، އާއިލާގެ ނަމުގައި ޝުކުރު ދަންނަވަމެވެ. މި ޝުކުރުގައި އަޚް ޝާކިރާއި އަޚް ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރާއި އަޚް ޢަބްދުﷲ ނަޢީމުގެ ނަންފުޅު ފާހަގަ ކުރަމެވެ. އެ ތިން ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށް ޓަކައެވެ.
ތަޢުޒިޔާ ދަފްތަރުގައި ލިޔުއްވި ބޭބޭފުޅުންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަމެވެ. ބައްޕަގެ ދަރިންނާއި ކާފަ ދަރިން ތިޔަބޭފުޅުންގެ ލިޔުއްވުންތަކުން ހިތްވަރު ހޯދައެވެ. ވަރަށް އުފަލުންނެވެ. ކާފަކިޔާ ބައެއްކުދިން ކުރިން ނުދަންނަ މައުލޫމާތުވެސް މިހާރު އެކުދިންނަށް އެނގެމުންދެއެވެ! ޖުމްލަ ގޮތެއްގައި ހެޔޮއެދޭ ހުރިހައި ބޭފުޅުންނަށް އަޅުގަނޑުމެންގެވެސް ހެޔޮ ދުޢާއެވެ. بارك الله فيكم
14. ހދ. ވައިކަރަދޫ އަލްފާޟިލް ޢަލީ ސުލައިމާނަކީ އަޅުގަނޑު ވަރަށް ގާތުން ދަންނަ ބޭކަލެކެވެ. ޚާއްޞަކޮށް އަޅުގަނޑުގެ ބަފައިކަލޭގެ އެއްގެ ގޮތުންނެވެ. މީހުންނަށް އިޙުތިރާމް ކުރައްވާ މަޑުމައިތިރި ބޭކަލެކެވެ. ރާއްޖެއާއި ދުނިޔެގައި ހިނގާ ސިޔާސީކަންކަމާއިމެދު ވިސްނާ ފިކުރުކުރައްވާ ވަރަށްވަރުގަދަ ސިޔާސީ މުޙައްނިކެކެވެ. ދިރިއުޅުއްވުން ރަނގަޅުގޮތުގައި ބިނާކުރެއްވި ވިސްނުންތެރިއެކެވެ. ދަރިންދެކެ ލޯބިވާ ބައްޕައެކެވެ. ދަރިންނަށް ދިރިއުޅުން ހޯއްދަވައިދެއްވި އިޚްލާޞްތެރި ބައްޕައެކެވެ. އަލްފާޟިލް އަލީ ސުލައިމާންގެ ދިރިއުޅުއްވުމަކީ ޢިބްރަތް ލިބިގަންނަންވީ ދަރުސެކެވެ. އަލްފަޟިލް ޢަލީ ސުލައިމާނު މިދުނިޔެއާއިވަކިވުމަކީ އެއާއިލާއަށް ލިބުނު ވަރަށްފުން ހިތާމަ އެކެވެ. އެހިތާމައިގައި އަޅުގަނޑުވެސް ބައިވެރިވެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ކީރިތި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. މާތް ﷲ މަރްޙޫމް ޢަލީސުލައިމާނުގެ ފާފުއްސަވައި އެމަރްޙޫމުގެ ފުރާނަފުޅަށް ފިރްދައުސްކީ ސުވަރުގެ މިންވަރުކުރައްވާށި އާމީން!
15. إنا لله و إنا إليه راجعون ،
އަޅުގަނޑާއި ސަމީރުބެގެ ބައްޕައާއި ބައްދަލުވީ، މީގެ އެއް އަހަރު ކުރިން،ސަމީރުބެމެން ގޭގައި ބޭއްވުނު މާހެފުމުގެ ތެރެއިންނެވެ. އެ މާހެފުމުގެތެރެއިން އަޅުގަނޑާއި ވާހަކަ ދައްކަވައި ކުޑަކޮށް ސަމާސާކޮށް ލެއްވިއެވެ. އެކަމުން އެ ބޭފުޅާގެ ހިތްހެޔޮކަން އަޅުގަނޑަށް ފާހަގަވިއެވެ. އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ އަލްމަރުޙޫމް ޢަލީ ސުލައިމާން (ރަޙިމަހުﷲ) އަކީ ޤައުމަށް ޚިދުމަތްކުރެއްވި،ބޭފުޅުންގެ ތެރޭގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ސަމީރުބެގެ ޢާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި އަލްމަރުހޫމް ޢަލީ ސުލައިމާންގެ ފުރާނަފުޅަށް މާތް ﷲ ރަޙްމަތްލައްވަވާ އެ މަރްޙޫމްގެ ފާފަފުއްސެވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
16. بسم الله الرحمن الرحيم
މަރުޙޫމް ޢަލީ ސުލައިމާނަކީ މަޑުމައިތިރި ދުރު ވިސްނޭ ހެޔޮ ލަފާދާރު ޝަޚުޞިއްޔަތެކެވެ. ޑިމޮކުރަސީ އަށް ލޯބި ކުރެއްވި ސިޔާސީ ބޭފުޅެކެވެ. ޢިލްމަށް ލޯބި ކުރެއްވި ބޭފުޅެކެވެ. އިޚްލާޞްތެރި ޚިދުމަތްތެރި އެކެވެ. ދީލަތި އެހީތެރި އެކެވެ.
އިޖްތިމާޢީ ގޮތުން ކޮށްދެއްވި ޚިދުމަތާއި މީހުން ބިނާކުރުަމަށް ވެދެއްވި އެހީތެރިކަން ވަކިން ފާހަގަ ކުރެވެ އެވެ. އަޅުގަނޑުގެ ވަރަށް ގިނަ ހަނދާންތައް އެބޭފުޅަކާއި ގުޅިފައިވާ ބޭފުޅެކެވެ. ޤަދަރުވެރިންނަކީ ޢިލްމުގެ އަހުލުވެރިންކަން ދަސްކޮށްދެއްވި އެވެ. ތެދުވެރިކަމަކީ ޟަމީރަށް ތެދުވެރިވުންކަން ދަސްކޮށް ދެއްވި އެވެ.
އަޅުގަނޑުގެ ދުޢާ އަކީ މާތް ﷲ، އެ މަރުޙޫމްގެ ކަށްވަޅު ފަސޭހަކޮށް ދެއްވައި ތާއަބަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުމެވެ.
17. إنا لله و إنا إليه راجعون
ލިޔުންތެރިން ގުޅުމުގެ ނުހަނު ގިނަ ހިދުމަތް ކޮށްދެއްވަމުން ގެންދަވާ އަދި ވެބްސައިޓްގެ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ އަދި އަޅުގަނޑުމެންގެ ގާތް އެކުވެރިޔާ އަލްފާޟިލް އަޙްމަދު ސަމީރު ޢަލީގެ ލޮބުވެތި ބައްޕަ ކަލާނގެ ރަޙްމަތަށް ދަތުރު ކުރެއްވި ހިތާމަވެރި ޚަބަރު އަޅުގަނޑު އަޑުއެހީ ފުންހިތާމައާއިއެކުގައެވެ.
ތެދުފުޅެކެވެ! އެއީ، ސަމީރުގެ ބައްޕައެވެ. އަޅުގަނޑު އެ އިއްޒަތްތެރިޔާ އަލްމަރުޙޫމް ޢަލީ ސުލައިމާނު ދެކެނީ، އަޅުގަނޑުގެ އަބަދުގެ މަދަދުގާރެއްގެ ގޮތުުންނެވެ. އަޅުގަނޑުގެ ހަޔާތް ކުރިއަށް ގެންދެއްވުމަށް އަޅުގަނޑަށް ވެދެއްވި އެހީ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.
އެއީ، ހިނގުންތެރިއެކެވެ. ސިޔާސީ މުދައްބިރެކެވެ. އާއިލާއެއްގެ ލޮބުވެތި މުރައްބީއެކެވެ. ޚުލްޤް ހެޔޮ މުރުޝިދެކެވެ. މިއީ އަޅުގަނޑު އެމަރުހޫމް ދަންނަގޮތެވެ.
މާތް ﷲ އެމާތް މަރުޙޫމަށް ރުއްސެވުމާއި ފުއްސެވުން ދެއްވައި ސުވަރުގޭގެ ތަނަވަސް ނިއުމަތް މިންވަރު ކުރައްވާށިއެވެ. އެއާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
18. إنالله وإناإليه راجعون
މާތްﷲ އަލިބެއަށް ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރަށްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.
19. ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރު އަލްފާޟިލް އަޙްމަދު ސަމީރު ޢަލީގެ ލޮބުވެތި ބައްޕަ އަލްފާޟިލް ޢަލީ ސުލައިމާން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި މި ސައިޓުގައި ހުޅުވައިލި ތަޢުޒިޔާގެ ދަފުތަރުގައި އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާގެ ޝުޢޫރުތައް ފާޅުކުރެއްވި އެންމެހައި ބޭފުޅުންނަށް ލިޔުންތެރީންގެ ގުޅުމުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.
ތިޔަބޭފުޅުން ފާޅުކުރެއްވި ހެޔޮއެދިވަޑައިގަތުމުގެ ޝުޢޫރުތަކަކީ، މަރްޙޫމް އަލިކަތީބުގެ ޢާއިލާއަށް ލިބިވަޑައިގަންނަވާނޭ ތަސައްލީއެއްކަމުގައި ދެކެމެކެވެ.
ތިޔަ ބޭފުޅުންގެ ހެޔޮ ދުޢާ އެ މާތް މަރްޙޫމްގެ ފުރާނަފުޅަށް ވާސިލުކޮށް ދެއްވާށިއެވެ. އާމީން
= ލިޔުންތެރީންގެ ގުޅުމުގެ ރައީސް =
20. ދަފްތަރުގައި ލިޔުއްވި ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން..ބައްޕަ އާއި ބެހޭގޮތުން.ލިޔުއްވި އިޚްލާސްތެރި ބަސްކޮޅަށާއި، ހެޔޮ ދުޢާއަށް…. މިކަން ފަހި ކޮށްދެއްވި ކަމަށްޓަކައި ލިޔުންތެރިންގެ ގުޅުމަށް އިޙްލާސްތެރި ކަމާއި އެކީ ޝުކުރް ދަންނަވަން
21. އަޅުގަނޑު ސަމީރުގެ ބައްޕަ ފުރަތަމަ ދުށީ އަޅުގަނޑު ޚިތާނުކުރަން ދުރުވި ދުވަހުއެވެ. އޭގެފަހުން ފެންނަމުން ދިޔައީ އަޅުގަނޑުމެންގެ ރަށް ވައިކަރަދޫގެ މުސްތަސާރެއްގެ ގޮތުންނެވެ. އަޅުގަނޑު ސަމީރުގެ ބައްޕަޔާއެކު އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށަކަށް ދެވިފައިވާނެއެވެ. މިއޮތްފަދަ ޒަމާނުގައިވެސް ބޭބެގެ ހުރަސްކަނޑާފައި ކުރިއަށް އެއްވެސް މީހަކު ނާރާނެއެވެ. ބޭބެ ދުރުވާތަން ފެނިއްޖެނަމަ އަރާހަމަވަންދެން އެމީހުން އިޙްތިރާމާއެކު މަޑުކުރެއެވެ. ބޭބެގެ އެންމެ އާދަޔާ ޚިލާފު ސިފައަކީ އެމީހަކާ އިސްވެ ވާހަކަ ދައްކަވާނީ އަބަދުވެސް ބޭބެއެވެ. އެއީ ކިތަންމެ ނިކަމެތި ފަގީރަކަސް މުސްކުޅިއަކަސް ކުޑަކުއްޖަކަސް އަދި ފިރެހެނަކަސް، އަންހެނަކަސް ތަފާތެއް ނުކުރައްވަވާ ވާހަކަ ދައްކަވާނެއެވެ. ބޭބެއަކީ ބޭސްވެރިއެކެވެ. ސިޔާސީ މުފައްކިރެކެވެ. ހިތްހެޔޮ މަޑުމައިތެރި ސާދާ މިޒާޖެއްގެ ބޭފުޅެކެވެ. ޢިލްމުވެރިންނަށް ކަމޭހިއްތަވާ ރަހްމަތް ތެރިންނާއި އެކުވެރިކަން ބަހައްޓަވާ މުހްތާދުވެރިންގެ މަދަދު ގާރެކެވެ. ދުރުވިސްނޭ ޤައުމުގެ އަގުހުރި ދަރިޔެކެވެ. ހަރުބޭފުޅުންގެ ތެރެއިން އެންމެ ގިނަވަގުތު އަޅުގަނޑަށް އެކުގައި ހޭދަކުރެއްވިފައިވާ ބޭފުޅަކީ ސަމީރުގެ ބައްޕައެވެ. އަޅުގަނޑު ކައިވެނި ކުރިފަހުން ބައްދަލުވާ ކޮންމެފަހަރަކު އަޅުގަނޑުގެ ހުރިހާ ދަރިންގެ ވާހަކަ ވަކިވަކިން އައްސަވާނެއެވެ. އަޅުގަނޑާއި ސަމީރުގެ ބައްޕަޔާއި ލޭގެ ގުޅުން ނެތްކަމުގައިވިއަސް ކިޔައިދޭނީ ބޭބެއެވެ. ބޭބެޔާއި އެކުގައި ވައިގެ މަގުންނާއި ކަނޑުމަގުން ގިނަދަތުރު ތަކެއް ކުރެވުނެވެ. އެންމެފަހުން….. إنالله وإناإليه راجعون މާތްﷲ ބޭބެއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރަށްވާށި! އާމީން.
Comments are closed.
މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.