ވާހަކައާއި އަދަބިއްޔާތު

ޙަޔާތުގެ އެ ދުވަހުގެ ހަނދާންތަކުން....!

ލިޔުން ކިޔައިފައިވާ ޢަދަދު: 137...

ޝަކީލާ ޙާމިދު
ޝަކީލާ ޙާމިދު
3 މިނެޓްގެ ކިޔުމެއް5 ސެޕްޓެމްބަރު 2026
ޙަޔާތުގެ އެ ދުވަހުގެ ހަނދާންތަކުން....!

ލިޔުން ކިޔައިފައިވާ ޢަދަދު: 137

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 3މިނިޓު \|

އަޅުގަނޑުމެންގެ ކުޑައިރުގެ އާންމު ދިރިއުޅުން ވަރަށް ތިރިއެވެ. އުސް ދިރިއުޅުން އެހައި އާންމެއް ނޫނެވެ. މޮޅު ރީތި ފަރުނީޗަރާއި ތެލި ތަށްޓަކީ، ފެންނަފަށުގައި ހުންނަ އެއްޗެއްސެއް ނޫނެވެ. އެހެންކަމުން އޭރުގެ ވާހަކަތައް މިހާރަށް ވަރަށް ތަފާތު ވާނެއެވެ. ހައިރާން ވާހައިއެވެ. ހަޔާތުގެ ތަފާތު އެދުވަސް އަޅުގަނޑުމެންގެ ބައި ޤަރުނުގެތެރޭގައި ވެސް މިތިބީ ދެކެފައެވެ. މިއަށްވުރެ ބޮޑަށް އެ ދުވަސްތައް ދުށް މީހުން އަދިވެސް އެތިބަ އުޅެނީއެވެ. އެއްބަޔަކު ފުރިހަމަ ޞިއްހަތުގައެވެ. އަނެއްބަޔަކު ބަލި އެނދުތަކުގައެވެ.

އޭރުގެ ހަނދާންތަކު ވާހަކައެއް އަނެއްކައި ވެސް ލިޔެލާނަމެވެ. ހަނދާނުގެ އިސްކިރީނަށް ގެނެވޭތޯ ބަލަމުން ގެންދާ ވާހަކަތަކުން ވާހަކައެއްގެ ގޮތުގައެވެ. މިހާރުގެ ވާހަކަތައް ވެސް ވާހަކަތަކަށް ވާހެން އޭރުގެ ވާހަކަތައް ވެސް އެއީ ހަމަ ވާހަކައެވެ. މިޒަމާނުގެ ބަހުރުވައިން އެންމެ ލަފުޒަކުން "ލައްކަ ވާހަކަ" އަށް ނުވި ނަމަވެހެވެ.

އޭރު ބިއްލޫރިތަށްޓަކީ، މާ ޢާންމު އެއްޗެއް ނޫނެވެ. އަޅުގަނޑުމެންގެ ފަދަ އާދައިގެ ގޭގޭގައެވެ. އެހެންކަމުން ސައިބޯށާއި ފެންބޯން އާންމުކޮށް ގެންގުޅެނީ ކަޓޫރަ ދަޅެވެ. ދަޅުގެތެރޭގައި ހިމެނެނީ ގެރިކިރު ހުސްކުރި ދަޅާއި ކޯކުފަދަ ބުއިންތައް ހުސްކުރާ ދަޅެވެ.

ބައެއް ދުވަސްވަރަށް ނީލަމުން ނަންގަވައިގެން ދަޅުގޯނިގޯނި ބައްޕަ ގެންނަވާނެއެވެ. ކޯކު ފަދަ ބުއިންތަކުގެ ހުސްދަޅެވެ. ބިޔަރު ދަޅެވެ. އެނޫން ވެސް ތަފާތު ވައްތަރުގެ ގޮތްގޮތްވާ ދަޅެވެ. ނަމަވެސް ހުސް ދަޅު އިނގޭތޯއެވެ! ބައެއް ފަހަރު ދަޅުގޯނީގައި ހިސާބަކަށް ނިވާކަންކުޑަ ފޮޓޯ ހުންނަ ދަޅު ވެސް ހުރެއެވެ. ދަޅުގޯނި ގެނައުމުން ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކު އެންމެ ގަޔާވާ ދަޅެއް ނަގާނެއެވެ. ދަޅުގޯނި ގެންނަ ދުވަސްވަރު ހިސާބުގަނޑު މީހުން ގެއަށް ދަޅުގަންނަން ވެސް އަންނާނެއެވެ. ހަނދާންވާ ގޮތުގައި ދަޅެއް ވިއްކަނީ ފަންސަވީހަކަށް ލާރިއަށެވެ.

ދެން އެވީ ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ދަޅު ކަނޑާށެވެ. ނޫނީ ބައެއް ކުދީންނަށް ދަޅުކަނޑައިދޭށެވެ. ކޯޗަކުން ތޯއެވެ. އަޅުގަނޑުމެންގެ އެ ޒަމާނަކީ، ދަޅުކެނޑީގެ ޒަމާނެއް ވެސް ނޫނެވެ. ވަޅިން ކަނޑައިފިއްޔާ ކައިރިފަށުގައި ތޫނުކަން ހުންނާނެއެވެ. ނަމަވެސް ބައެއް ފަހަރަށް ވަޅިން ވެސް ދަޅުކަނޑައި އުޅެމެވެ. ވަޅިން ކަނޑައިފިނަމަ، ދަގަނޑުބުރިއެއް ފަދަ އެއްޗަކުން ތަޅައި އެތެރެއަށް މަޅައި ކައިރިފަށް އެއްވަރު ކޮށްލަނީއެވެ. ސައި، ފެން ބޯން ގެންގުޅޭ ދަޅު އާންމުކޮށް ކެނޑުމުގެ ހަތިޔާރަކީ، މަގުމައްޗަށް އަލިކުރަން ހަރުކޮށްފައި ހުންނަ ހޮޅިބުރިތަކުގެ ހޮޅި ދަނޑީގެ ބުޑެވެ. ބުޑުއަޅާފައި ހުންނަނީ، ސިމެންތިންނެވެ. ފޫޓެއްހައި އުސްމިން ހުންނަ ވަރަށް ވަށްކޮށެވެ. މަތި އޮންނަނީ އޮމާންކޮށެވެ. އެއީ އިށީންދެ ތިބެން ވެސް ރަނގަޅު ގޮނޑިއެކެވެ. އެ ގާގަނޑުމަތީ ދަޅު ކޭއްތުމުން ވަރަށް ރީތިކޮށް ގޭނިގެން ގޮސް މަތިގަނޑު ނެއްޓެއެވެ. ދަޅުގެ ކައިރިފަށް ވެސް ހުންނަނީ ތޫނުކަމެއްތި އޮމާންށެވެ.

ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ދަޅު ވަކިން ފޮރުވައިގެން ގެންގުޅޭނެ އެވެ. ނަމަވެސް މާގިނަ ދުވަހަކު ނޫނެވެ. އާކަން ކެނޑި ފޫހިވާންދެނެވެ. މާ ގިނަ ދުވަހެއް ނުވެ ދަބަރު ވެސް ހިލޭނެ އެވެ. އެ ހިސާބުން ދެން ޚާއްޞަ ދަޅެއް ނުގެންގުޅޭނެވެ. އޭރުން ދެން ބޭނުން ކުރާނީ އާންމު ދަޅެވެ.

ދަޅުން ފެން ބޯނީ ޞިއްޙީ ގޮތުން އޭރު ހަމަ އެންމެ "ފައްކާ" ގޮތަށެވެ. ދަޅުގެ މަތީ ތުންފަތުގައި ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލިން ހިފައި ފެންބަނޑިޔަލަށް ކޮއްޕާލައިގެން ނަގައި ފެންބޮއި ލަނީ އެވެ. ބައެއް ފަހަރު އިނގިލިތަކުގެ ބަދައެއް ދެ ބަދައެއްވަރު ފެންގަނޑުތެރެއަށް ވަންނާނެއެވެ. އެއީ މާބޮޑުކަމެއް ނޫނެވެ. މަގުމަތީ ކުޅެން އުޅެފައި ގޮސް ފެންބޯން އުޅޭއިރު، އަތްދޮވެގެން ފެންނަގާށޭ މަންމަ ނުވަތަ ދައްތަ  ބުނުއްވާނެއެވެ. އެކަމަކު ގިނަ ފަހަރަށް އަތްދޮވެގެން އައިސް ފެންބޯނެހައި ވަގުތެއް ނޯވެއެވެ. އޮންނަނީ އަވަސް ކޮށްލައިގެން ކޮންމެވެސް ދިމާއަކަށް ދާން ޖެހިފައެވެ. ކުޅުމުގެ އަވަދިނެތިކަމުގެ ތެރެއަށެވެ.

ދަޅުގެ ވާހަކަ ލިޔެލުމުގެ ޚިޔާލު އައީ، މިދާކަށް ދުވަހު ރަށަކަށް ކުރެވުނު ދަތުރެއްގައި ކުރީން ދެންނެވި ގޮތަށް ކަނޑާފައިވާ ދަޅެއް ފެނިގެންނެވެ. ފީރުން ގާނައިގެން ވެސް އެގޮތަށް ދަޅު ކަނޑައި އުޅެއެވެ. ކޮންމެއަކަށް އޭރުގެ ގޮތަށް ކަނޑާފައިވާ ދަޅެއް ފެނުމުން ދަޅުގެ މަތީން ހަނދާން ވީއެވެ.

އަނެއްކައި ވެސް އެހެން ހަނދާނެއް އިސްކިރީނަށް އަންނަންދެން މަޑުކޮށްލާނަމެވެ.

\\_\\_\\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_

1. ހަނދާންތަކެއް އާވެގެންދިޔަ ލިޔުމެއް

Your email address will not be published.

މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.

ދިވެހި ބަސްއަދަބިއްޔާތުލިޔުންތެރިން