ވާހަކައާއި އަދަބިއްޔާތު

ރާދާ ރާދޭޝްވަރީ - 24

ލިޔުން ކިޔައިފައިވާ ޢަދަދު: 17...

ޝަކީލާ ޙާމިދު
ޝަކީލާ ޙާމިދު
15 މިނެޓްގެ ކިޔުމެއް5 ސެޕްޓެމްބަރު 2026
ރާދާ ރާދޭޝްވަރީ - 24

ލިޔުން ކިޔައިފައިވާ ޢަދަދު: 17

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 13މިނިޓު \|

(27 އޯގަސްޓް 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އުތުރުކަރައިގައި ހޯދި އަސްކަރީ ތަމްރީނުގެ ދެބުރުންމެ، ދުއިސައްތަ އެތައް ފަހުލަވާނުންނެއްގެ ތެރެއިން، އެއްވަނައިގައި ފާސްވުމުގެ ޝަރަފާ އެކު ބައިރަވާ މާލެ އައީ މީގެ ދެ ދުވަހެއްގެ ކުރީންނެވެ. ބޭރުގައި ހޯދީ ފާހަގަނުކޮށް ދޫކޮށްލާ ވަރަށް ވުރެ ކުލަގަދަ ކާމިޔާބީއެއްކަމަށް ރައްޓެހީން ދެކޭތީ އެވެރީންގެ ބާރުއެޅުމުގެ މަތިން، މިއަދު ހަވީރު ބިލެތްމީރުކޮށްލުމެއް ބޭއްވެނީއެވެ. މި ކެއުމެއް އޮންނާނީ ބައިރަވާމެން ގޭގައެވެ. އާނއެކެވެ. މާފަންނު މަންގަލަގޭގައެވެ. ކެއުމުގައި ހުންނާނީ ބޮނޑިބަތާއި ހަނާކުރިމަހެވެ. މިއީ ކުޅިކޮށިކޮށީގެ އިސް ހެވީން ވެސް ހިމެނޭ ގޮތަށް ގާތްގަނޑަކަށް ސަތޭކަ ފަންސާހެއްހައި މީހުންނަށް ދެވޭ ކެއުމެކެވެ. އެކަމަކު މަންގަލަގޭ ބަދިގޭގައި ކައްކަން ޖެހުނީ އެންމެ ފަސް ނާޅި ހަނޑުލުގެ ބޮނޑިބަތެވެ. އެއީ ތިރީހަކަށް މީހުންނަށް ކެވޭނޭ ބޮނޑިބަތެވެ. ދެން ހުރީ އެކިއެކި ރައްޓެހި ގޭގޭގައި، އެމީހުންގެ ކަރަދުގައި ކައްކައިގެން، ކާނޭ ވަކި ތަށިތަކާ ވެސް އެކު، މަލާފަތްމަލާފަތުގައި ގެނެސްދޭނޭ ބޮނޑިބަތާއި ހަނާކުރިމަހެވެ. އެހެން ކަމުން މިއީ ޚުދު ބައިރަވާ ދޭ ކެއުމެކޭ ބުނުމަށް ވުރެ އައުލާކަން ބޮޑީ މިއީ އޭނަގެ ހައްގުގައި ރައްޓެހީން ދޭ ކެއުމެކޭ ބުނުމެވެ.

އަސްރުން އިރު ތިރިވެ، ހަވީރުގެ ފިނިހިޔާ ރަށުތެރޭ ފެތުރެމުންދާއިރު މަންގަލަގޭ ގޯތިތެރެ މެހުމާނުންނައިގެން ރަކަރަކަޖަހާނެއެވެ. އެކަމަކު އޭގެ މާކުރިން ވެސް މި ގެޔަށް އޮތީ މި އީދެއް ލައިގެންފައޭ ހީވާހައިވެއެވެ. އިރުއެރުމާ އެކުހެން ބަންޑާރަކޮށީ ކުދިން އައިސް ގޯތީގެ އެއްކޮޅުން އަނެއްކޮޅަށް ގެޔާއި ބަދިގެޔާ ދެމެދަށް އޮތްހައި ހުސްތަނަކާ ވެސް އެކު ގޯތިތެރެ ރިޔާ ދަމައި ހިޔާކޮށް، ބިންމަތީ ފަންގި ފަތުރައިހަދައިފިއެވެ. އަވަށްޓެރި ޅަބާޅަ އަންހެންކުދީންކޮޅެއް މެހުމާނުންނަށް ދުފަންދިނުމަށް ފޯއްކޮށައި، އެ ފޯއް ހަނާކުރުމާއި ކުރިބޯށި ބުރަށް ބިލެތް ކަފައި، ބިލެތް މަލާފަތްމަލާފަތުގައި ޖެހުމުގެ ކަންތައްތަކުގައި އަވަދިނެތިއުޅެއެވެ. އަނެއްބައި ކުދީން މެހުމާނުން ބޯން ގަރަންމަސާލަޔާއި ރާނބާފަތް އަޅައިގެން ރާފޮނި ކެއްކުމުގެ މަސައްކަތެއްގައެވެ. ހުސްއެކަނި މިގޭ ބަދިގޭގައެއް ނޫނެވެ. އެހެންވެސް ބައެއް އަވަށްޓެރި ބަދިގެތަކުގައި ވެސް މެއެވެ. އެހެން ވެދާނެތާއެވެ. މި ބުނަނީ ކުރައެއް ދެ ކުރައެއްގެ ރާފޮނީގެ ވާހަކައެއް ނޫނެވެ. ސާޅީސް އަޑުބާގެ ތިން ރުނބާގެ ރާފޮނީގެ ވާހަކައެވެ. ލަދެއްގައި ނުބެދި އަރާފަންޏާއި ފައިބާފަނި ސަތޭކަ ފަންސާސް މީހުންނަށް ފޯރާވަރުވާނީ އެހައިކަށްހައިވަރުން ކަމަށް ބައިރަވާ ދެކެއެވެ.

މަންގަލަގޭ ގޭތެރެޔާއި ބަދިގޭ ބިތްޕަށުގައި، ގަސްގަހުގެ ހިޔަލުގައި މަސައްކަތުގައި އުޅޭ ކުދީން ތިބީ އަރައިފައިވާ މަޖަލެއްގައި ލަވައަޅުވައިލައިފައެވެ. އަތްހެލޭ ވަރަށް އަނގަވެސް ހެލޭތީއެވެ. މިކުދީން ދޭތެރެޔަކުން ހަފައިލާނޭ ތެލުލި އަލަ، ފޮނި އަދި ކުޅި ރޮށި، އަތުޖެހި، އާރޮސް ފަދަ ހެދިކާ މިތާ ލައިތާޅައިފައި އޮތެވެ. ބޯނޭ ބުޔުންތައް ވެސް ހަމަ އެހެންނެވެ. ކަސާރީކުރާކުރާގައި ހަރުފަންޏެވެ. ބަދިބަދީގައި ރުކުރާއެވެ. ހެނދުނުގެ ހުތް ރާއެއް ނޫނެވެ. މެންދުރުގެ މީރު މީރާއެވެ. މަންގަލަގެޔަށް މިއަދު މީގެ ބައްޖެއް ދެ ބައްޖެއް ހަދިޔާކޮށްނުލާ ރާވެރިޔަކު މިހިސާބުގަނޑުގައި އުޅޭ ކަމެއް ވެސް ނޭނގެއެވެ.

ގޯތިތެރެ ހިޔާކުރާން އުޅުނު ކުދީން، އެންމެ ކުޑަ މިނުން ރޯނުފަށެއް އައްސައިލާކަށް ވެސް ބައިރަވާއަކަށް ނުޖައްސައެވެ. އޭނާ ކަމަކަށް ގާތްވެލިޔަސް

އެކުދީން އޭނާ ފައްސައިލަނީއެވެ. ރަހުމަތުގެ އިންޒާރަކާ ވެސް އެކުގައެވެ.

ބޭބެ ތިޔަ އައީ އުތުރުކަރައިގައި ފަނަރަ މަސްދުވަހު ދަލާއި ލޭކޮށައިލި ބުރަ ތަމްރީނުތަކެއްގައި އުޅެފައެވެ. އެއީ ބޭބެގެ ތަމްރީނެވެ. މިއަދު މިތާ މިއޮތީ އަހަރެމެންގެ ތަމްރީނެވެ. މި ތަމްރީނުގައި މިއަދު ބޭބެގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ނުވާނެއެވެ.
ލިޔުންތެރިޔާ

ބައިރަވާއަކީ ކޮށީގެ ދަސްކުރާ ނޫކަށިފުރާގެ ޒުވާން ހެވީންނާ، ބަފަޔަކު ދަރީންނާ ބާއްވާ ފަދަ ގާތް ގުޅުމެއް ބަހައްޓާ ހެއްވަކަށް ވާތީ، އޭނާ ކަމަކު ކިޔައިފި ނަމަ އެކުދީން ތިބެނީ ލޮލާއި ބޮލުން ހޭވައްލާ ތައްޔާރުގައެވެ. ބައިރަވާ، އެކުދީން ގާތުން ބަދިގޭ ބިތްޕަށުގައި އުޅޭ ކުދީން ގާތަށް ކުރުކާލިކަނޑާލަކަނޑައިލާ އެބަ ހުއްޓެވެ. މިކަމަކުން ފޫހިވުމުން ގޮސް ބޮނޑިބަތް ކެކޭ ބަދިގެޔަށް ބޯދިއްކޮށްލަފާނެއެވެ. ތިމާއަކީ ދުނިޔޭގައިވާ އެންމެ ބާއްޖަވެރި އިންސާނާއޭ ހީވެ ހެވި، ދަތްކޮޅުމައްޗަށް ތުންފަތް ނާރާ ހާލުގައެވެ. އުފާނުވާންވީ ފަހެ ކީއްވެ ހެއްޔެވެ؟ އޭނަގެ އުމުރުން ތިރީސް އަހަރު އަދި ނުފުރެއެވެ. އެކަމަކު އޭނަޔަކީ ދިވެހި އަސްކަރުގެ އެންމެ ނަގާކިޔާ އެންމެ ނުފޫޒުގަދަ ދޮޅަސް ސޯޅަ އޮފިސަރުންތެރޭ ގުނެވޭ މީހެކެވެ. ސަރުކާރުން ފޯޔަކުން ފޯޔަކުން ދެއްވާ "ބަނޑު"ގެ އިތުރަށް އެންދަމާ ދާބަނުން ހަނުތެޅުން ފަދަ ބައެއް އަމިއްލަ މަސައްކަތް ވެސް ކޮށްއުޅޭތީ އޭނަގެ އަތްމަތި ނުލާހިކު ތަނަވަހެވެ. ގެ ހުރީ ކުރިމަތީ ބިތުގައި ފިލާޖަހައި ދެން ހުރި ތިން ބިތް، ބިތްބަންނަ ދުނބުރީން ބަނދެ އެތެރޭގައި ސަޓާޖަހައި ބޭރުގައްޔާއި ފުރާޅުގައި ފަންޖަހައިގެން ރަނގަޅު ފެންވަރަކަށް ހެދިފައެވެ. ދެން އަދި ކޮބައި ހެއްޔެވެ؟ އޭނާ ޅަފުރާގައި ހިތާވީ އަދި އެތައް ބަޔަކު ލޯއަޅައަޅައިތިބި "ރަންފުޅާ" ކައިވެނިން ގުޅި، ދެމަފިރީން އަދު ވަނީ ލޯބިލޯބި ހަތަރު ދަރީން ހިމެނޭ ލޮބުވެތި އާއިލާއެއް ވެސް ބިނާކޮށްފައެވެ. ހަތަރު ދަރީން ތެރެއިން އެންމެ ބޮޑަށް ހުރި މަންޖެ އުމުރުން އެގާރަ އަހަރުގައި އެހެރީ ހެދިފޯދި، މަންމައެކޭ ދާދި އެއް އިސްކޮޅަކަށް ދެމިލައި ބޮޑު އަންހެނެއްގެ ސިފަ އަންނާން ފަށައިފައެވެ. ތިން ހަތަރު އަހަރެއްގެތެރޭ އެ ދަރި މީހަކާ އިނުމީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ. އެއީ އެމަންޖެ މަންމަ ވެސް މީހަކާ އިން އުމުރެވެ.

ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނެވެ. ކަފަވިލާގަނޑެއްގެ ތެރޭ އިރު ބޮނދައިހުރި ނަމަވެސް ބިންމަތީ ކުރުގެޅެމުންދާ ގަސްރުކުގެ ހިޔަނިތައް ބުނަނީ މިހާރު މެންދުރުވުމާ ގާތްވެދާނޭ ކަމަށެވެ.

ހާދަ ބޮޑު ފިކުރެއްގައި؟" ފޯއްކޮށާ ކުދީން ގާތު ބައިރަވާ މަޑުކޮށްލައިގެން ހުއްޓައި މީހަކު ކޮނޑުގައި ޖަހައިލުމުން، އެނބުރި ބަލައިލިއިރު ކުރިމަތީގައި ހުރީ ކުޑައިދުވަހުގެ ރައްޓެއްސެއްކަމަށްވާ އަރުނާ ފިޔަވައި އެހެން މީހެއް ނޫނެވެ. މާލެއަށް ފޫޅުކެނޑި ނަމަވެސް އޭނާ މިހާރު ދިރިއުޅެނީ ހައްދުންމަތީ ގަމުން މީހަކާ އިނދެގެން ގޮސް އެ ރަށުގައެވެ.
ލިޔުންތެރިޔާ
އަނހާ. އަރުނާ ކަލޭ ކޮންއިރަކު އައީ؟
ލިޔުންތެރިޔާ
ދާދި ދެންމެއަކު ލެފީ. މިގެޔަށް އައި އައުމަކީ ކަލޭ ކަރައިން މާލެ އައިސްގެންއުޅޭ ވާހަކަ އަހައިގެން ކަލޭ ދެކިލާ ހިތުން އައި އައުމެއް.
ލިޔުންތެރިޔާ
ދަރުމަ ހުރި. ރަންކޮޅާ މި ގޭގައި މީ ބޮޑު ދުވަހެއް. ހަވީރު ކޮންމެހެން ވެސް މިގެޔަށް ބޮނޑިބަތް ކާން އަންނާތި!
ލިޔުންތެރިޔާ
އަހަރެން މި ފަހަރު މާލެ އައީ މަގޭ ދޮއްޓަށް ތިބި ދެ ފިރިހެންދަރީން ވެސް ގޮވައިގެންނޭ!
ލިޔުންތެރިޔާ
އަސްތާ! އަހަރެން ތިޔަ ދަރީންނެއް އަދި ލޮލަކުން ނުދެކެން. ކޮބާ އެ ކުދިން؟
ލިޔުންތެރިޔާ
އެ ކުދިން ތިބެނީ މަގޭ ބޮޑުބެ ގޭގައި.
ލިޔުންތެރިޔާ
ބޮނޑިބަތް ކާން އެ ދެބެން ވެސް ގެންނާތި އިނގޭ!
ލިޔުންތެރިޔާ
ކަލޭ ބޮނޑިބަތުގެ ވާހަކަ ބުނުމުގެ ކުރިން ވެސް ބަދިގެ ފަސްދީ މިހިސާބަށް އައިއިރު ފޮނިތޮށި ކާފޫރުތޮޅީގެ ވަސްގަނޑާއި ހަވާދުގެ ވަސްގަނޑު ހުރިލެއް ގަދަކަމުން ކެކެނީ ކޮން އެއްޗެއްކަން ދޭހަވެއްޖެ." އުތުރުން ޖެހޭ ފިނި ވައިރޯޅިތައް ގެނެސްދިން ވަހަށް ނޭފަތް ދަމައިލަމުން އަރުނާ ބުނެލިއެވެ.
ލިޔުންތެރިޔާ

މެހުމާނުން ބޮނޑިބަތް ކެއުމަށް ފަހު، ތަށިމަތި ކަހައިލާން އައި މި ހިސާބުގަނޑުގެ ކުދިވެރީން ވެސް ކައި އަވަދިވެ، ހުސް ތަށިތަކާ އެކު މަލާފަތްތައް ބަނދެގެން އައި ދިމަދިމާއަށް ދާން ހެލިގެންއިރު، އިރު އޮއްސިދާން އުޅެއެވެ. މިތަނުން ބޮނޑިބަތްކޭ އެކަކު ވެސް އަލަކުން ރޭގަނޑު ކާނޭ ފިކުރެއް ކޮށްފާނެ ހެނެއް ހިޔެއް ނުވެއެވެ. މަންގަލަގޭ ގޯތިތެރޭ މިހާރު އެ އުޅެނީ މަތީ ދެމި ރިޔާތައް ނަގައި، ބިންމަތީ ފެތުރި ފަންގިތައް ބޮނޑިބޮނޑިއަށް އޮޅައިހެދުމުގެ ކަންތަކުގައި އުޅޭ ކުދީންކޮޅެކެވެ.

މާގިނަ އިރެއް ނުވަނީސް މި ކުދީން ވެސް މަސައްކަތް ނިންމައިލައިފައި ގޭގެއަށް ހިނގައްޖެއެވެ. ކަޅުފޮއިގެ ރެޔަކަށް މޫނުއަނދިރިކަން ޖެހި، ރަތްވިލާތަކުން ހުޅަނގުފަރާތު އުދަރެސް ރަތްކޮށްލިއިރު، މަންގަލަގޭ ގޯތިތެރޭ ދުވާލު ހެލިފެލިވެއުޅުނު ބައިގަނޑުގެ އަޑުބަޑު ކެނޑި މުޅިން ހަމަހިމޭންވެއްޖެއެވެ. ވަރަށް ވެސް ބުރަ ދުވަހަކަށް ފަހު ގޭގެ އަނބިފުޅާއި ކުދިދަރީން ވެސް މާއިރާ ނިދާން އޮށޯވެއްޖެއެވެ. ގޭ ކުރިމަތީ ހުންނަ ހޮޅުއަށީގައި އަވަށްޓެރީންކޮޅަކާ އެކު ވާހަކައިގައި އިނުމަށް ފަހު، އިރާކޮޅު ނިމި މެއްދަމަށް އެޅުމުން ބައިރަވާ ގެޔަށް ވަދެ އޮށޯތީ މާކަނޑުން ނަގަމުން އައިސް ބޯމައްޗަށް ބިންދައިލާން ތައްޔާރުވެފައިވާ ބޮޑު ރާޅުގެ ކުޑަވެސް ހިލަމެއް ނެތިއެވެ. ދަންބައެއް އަޅައިފައި ތެދުވެ އަތިރިޔަކަށް ފޭބިއިރު ވެސް އޮމާން ކަނޑުފަޅުގައި އެކަހަލަ ލިސާނެއް ނެތެވެ.

އަނެއް ދުވަހު ހެނދުނު ބައިރަވާއަށް އަމިއްލަ ގެއިން ނާސްތާކޮށްލައި އަތްދޮވެލެވޭހައި ނުވިއެވެ. ކައްޗެރިން ފޮނުވި މީހަކު އައިސް ލަސްނުވެ އެތަނަށް ހާޒިރުވާން އަންގައިފިއެވެ. ބައިރަވާ ހިތާހިތާ ކިޔައިލިއެވެ. އަހަރެން ކުރި ކުށެއް ނެތްއިރު ޖިނާޢީ ކުށްތަކާ ބެހޭ އެ އިދާރާއަށް އަހަރެން މި ހާޒިރުކުރެވެނީ އެތަނުން ބައްލަވާ ކޮންމެވެސް މައްސަލައެއްގައި ހެކިބަހަކަށް ނޫން ބާވައެވެ؟ އެކަމަކު ކާކާ ގުޅޭ ގޮތުން ބާވައެވެ؟

އެ ސުވާލުގެ ޖަވާބަށް މާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. އޭނާ ކޮޅަށް ހުންނާން ޖެހުނީ ތަހުގީގު ހިންގާ ކޮމިޓީގެ ކުރިމަތީގައެވެ. އިސް ގޮނޑީގައި އިންނެވީ ރަދުން އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރުކަމަށްވާ ޑަންޑަނަޔަކައެވެ. އޭނާ ލޯ ރަތްކޮށްލެއްވުމުން ބައިރަވާއަށް ހީވީ މެޔަށް ފެންއެއްޗެއް އަޅައިލި ހެންނެވެ.

ސެޓިގަމަށް ދިޔުމުގެ މަގުމަތީ ކަލޭ އެއްރެޔަކު ކަލްކަތާގައި މަޑުކޮށްލިންތަ؟
ލިޔުންތެރިޔާ
މަޑުކޮށްލީ ސީދާ ކަލްކަތާގައެއް ނޫން. އެ ސަހަރުގެ ރަށް ބޭރުގައި އޮންނަ ދުކުނޭޝްވަރޭ ކިޔޭ އަވަށެއްގައި.
ލިޔުންތެރިޔާ
ތިޔަ ބުނާ އަވަށެއްގައި ވަޖުރާ ހުންނަވާ ދިވެހިގަނޑުވަރަށް ދިޔައިންތަ؟
ލިޔުންތެރިޔާ
އެއީ ކޮން މަގުސަދެއްގައި ދިޔަ ދިޔުމެއް؟
ލިޔުންތެރިޔާ
ވަޖުރާއަކީ އަޅުގަނޑުގެ ބަފައެއް ފަދަ ގާތް ބޭފުޅަކަށްވެފައި ބައްދަލުނުވާތާ އަހަރުތަކެއްވެފައިވާތީ ބައްދަލުކޮށްލާ ހިތުން ދިޔަ ދިޔުމެއް.
ލިޔުންތެރިޔާ
ދެން އެރޭ ވަޖުރާއާ ބައްދަލުވިތަ؟
ލިޔުންތެރިޔާ
އެމަނިއްޕުޅު ރަށުން ބޭރުގައިވާތީ ބައްދަލުވާ ގޮތެއް ނުވި!
ލިޔުންތެރިޔާ

ބައިރަވާ ހިތަށްއެރިއެވެ. މީނާ މި ސުވާލުތައް މިކުރަނީ ހުރިހައި ކަމެއް އެނގި ހުރެއެވެ. އެންމެ ރަނގަޅުވާނީ ވަންހަނާއެއް ނެތި ތެދު ބަހުން ޖަވާބު ދިނިއްޔާއެވެ.

އެމަނިކުފާނާ ބައްދަލުވާ ގޮތް ނުވީމާ ކަލޭ އެނބުރި މެހުމާންސަރާއަށް އައީދޯ؟
ލިޔުންތެރިޔާ
ނޫން އެހެނަކުން ނޫން. އަޅުގަނޑު އެދުނީ އެމަނިކުފާނުގެ ދަރިކަލުން ވިރާޖާ ބައްދަލުކޮށްލަން.
ލިޔުންތެރިޔާ
ދެން އެމަނިކުފާނާ ބައްދަލުވާ ގޮތްވިތަ؟
ލިޔުންތެރިޔާ
ބައްދަލުވުން ހިނގީ ކޮންތާކު؟
ލިޔުންތެރިޔާ
މައިގަނޑު ގޮތެއްގައި އެމަނިކުފާނު ހުންނަވާ ގޭގެ އުތުރުފަރާތު ބަގީޗާތެރެއިން.
ލިޔުންތެރިޔާ
އެމަނިކުފާނު، ރާއްޖޭގައި މިހާރު ހިނގަމުންމިދާ ރަސްކަން ހަވަރު އެއްވެ ގެންނަ އިންގިލާބަކުން ބަދަލުކޮށްލެއްވުމުގެ ސައްލާއެއް ކުރެއްވިތަ؟
ލިޔުންތެރިޔާ
ނޫން. ތިޔަފަދަ ސައްލާއެއް ނުކުރައްވާ!
ލިޔުންތެރިޔާ
އެހެންވިއްޔާ ކަލޭމެން ދެ މީހުން ދެމެދުގައި ދެކެވުނީ ކޮން ސިއްރު ވާހަކަތަކެއްތަ؟
ލިޔުންތެރިޔާ

ބައިރަވާ ފޮރުވުމެއްކަމެއް ނެތި އެހުރިހާ ވާހަކައެއް ތަހުގީގުގެ ކޮމިޓީ ކުރިމަތީ ދެންނެވީ އޭނާޔަށް ކުށެއްކުރެވިފައިވާ ކަމުގެ ކުޑަވެސް އިހުސާސެއް ނުކުރެވޭތީ އެއްވެސް ޖެހިލުމެއް ނެތިއެވެ.

ކަލޭގެ އިއުތިރާފުން އެބަ ސާބިތުވޭ މިހާރު ރާއްޖޭގައި ހިނގަމުން މިދާ ރަސްކަން ބަދަލުކޮށްލާން ޖެހޭނީ ހަވަރު ގެންނަ އިންގިލާބަކުން ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް.
ލިޔުންތެރިޔާ
އެއަކަށް އަޅުގަނޑު އާނބަހެއް ނުދަންނަވަން. އާނ ބަސް ހޯއްދަވާކަށް، އެމަނިކުފާނު ނުވެސް އުޅުއްވާ.
ލިޔުންތެރިޔާ
މީހަކު ދިވެހި ރަސްކަން އިންގިލާބަކުން ބައްދަލުކޮށްލާ ވާހަކައެއް ކަލޭ ކައިރީ ދައްކައިފި ނަމަ، ކަލޭ އެއަށް އާނބަސް ނުބުނި ނަމަވެސް އެ ވާހަކަ ރަދުންނަށް ދަންވަންޖެހޭ ކަމަކަށް ނުދެކެންތަ؟
ލިޔުންތެރިޔާ
މީހަކު ތިޔަ މަނިކުފާނު އަރިއަހުގައި ސަމާސާއަކަށް ދައްކާހައި ވާހަކައެއް ރަދުންނަށް ދަންނަވާ އުޅުއްވަންތޯ؟
ލިޔުންތެރިޔާ
ކަލެ ތިޔަ ބުނަނީ އެއީ އެމަނިކުފާނު ސަމާސާއަކަށް ދެއްކެވި ވާހަކައެކޭތަ؟
ލިޔުންތެރިޔާ
ހަމަ ކެރިހުރެގެން މި ދަންނަވަނީ އެހެން.
ލިޔުންތެރިޔާ
ސަމާސާ ރާގެއްގައި ވެސް މީހަކު ސީރިޔަސް ވާހަކައެއް ދައްކަފާނެކަމަކަށް ނުދެކެންތަ؟
ލިޔުންތެރިޔާ
ދެކެން. އެކަމަކު ތިޔަ އިސާރަތް ކުރައްވަނީ އެގޮތަށް ދެކެވުނު ވާހަކައަކަށް ނޫން.
ލިޔުންތެރިޔާ
އެމަނިކުފާނުގެ ނިޔަތް ކަލެޔަށް އެނގުނީ ކިހިނެއް؟
ލިޔުންތެރިޔާ
ނިޔަތް އެނގުނީ އެ ވާހަކަ އިތުރަށް ދައްކަވަން ނަހައްދަވާ އެމަނިކުފާނާއި އަޅުގަނޑުގެ އާއިލާއާ ގުޅޭ ވާހަކަތަކެއް ދައްކަވާން ފެއްޓެވީމާ.
ލިޔުންތެރިޔާ
އެކަމަކު މީހަކު ކަލޭ ގާތު ދިވެހި ރަސްކަން އިންގިލާބަކުން ބަދަލުކޮށްލާ ވާހަކައެއް ދައްކައިފި ނަމަ އެ ވާހަކަ ރަދުންނާ ހަމަޔަށް އުފުލުމީ ކަލޭގެ ވާޖިބެއް. އެވާޖިބު އަދާނުކުރިކަން އެއީ ކަލޭ ކުރި ކުށެއް. ދެން އަނެއްކާ ކަލޭ ވެސް ހުރީ އެ އަތަށް ކަމަށް ބެލެވިދާނެ ދަލީލެއް. އަމުދުން ކަލޭ ފަދަ އަސްކަރަށް ނިސްބަތްވާ އޮފިސަރަކު! އެހެންވީމާ ކަލޭ މައްޗަށް މި ދެކުށް މެ އެބަ ސާބިތުވޭ." ޑަންޑަނަޔަކަ ކޮމެޓީގެ ދެން ތިއްބެވި ތިން ބޭފުޅުންނަށް ބައްލަވައިލެއްވިއެވެ.
ލިޔުންތެރިޔާ

ޖަވާބުގައި އެއް ބޭފުޅުން ލަދުވެތިކަމާ އެކު އިސްޖައްސަވައިލެއްވީއެވެ. އަނެއް ބޭފުޅަކު ދެއަތް ޖޯޑުކޮށްލެއްވީއެވެ. ތިން ވަނަ ބޭފުޅާ އެއް އަތުގެ އިނގިލިތައް އަނެއް އަތުގެ އިނގިލިތަކަށް މަހައިލެއްވީއެވެ. ޑަންޑަނަޔަކައާ ޚިލާފަށް އެއިން އެއްވެސް މޫނުފުޅަކުން އަލިފާން ފަދަ ކޯފާގެ އަސަރެއް ނުމެ ފެނޭމެއެވެ. އަދި ކިއެއްތަ؟ ފެންނަ ނަމަ ފެންނަނީ ފިނި ހަމްދަރުދީގެ އަސަރެކެވެ. ހަނދޭގިރިން ފަދަ އޭނަގެ ދިފާޢުގައި އެއްޗެއް ވިދާޅުވާ ހިތްޕުޅުން ތިއްބެވި ބޭބޭފުޅުން ވެސް ތިއްބެވީ، މައްސަލައިގެ ބާވަތުން، އެއްޗެއް ވިދާޅުވާން ނުކެރިފައެވެ. އިސްތިބްދާދީ ރަސްކަމެއް ހިނގާ ރާއްޖެއެއްގައި އެފަދަ ކަމަކުން ބުރައިގެން ދާނީ ޚުދު ތިމާކަން އެނގޭތީ ބިރު ނަގައިގެންނެވެ.

މި ކޮމެޓީގައި މީނަގެ ކުށާ މެދު ދެބަސްވާ ބޭފުޅަކު ނެތް." ޑަންޑަނަޔަކަ އަންނާނެ ހުކުމެއްގެ އިންތިޒާރުގައި ދޮރުމަތީ ހުއްޓިލައިގެން ހުރި ދޭވާނީންނަށް އަމުރު އިއްވެވިއެވެ. "އަވަހަށް މީނާ ގެންގޮސް ހުރަގެއަށް ލައި އަނދަގޮނޑި ޖަހާ!
ލިޔުންތެރިޔާ

ތިން ދުވަސް ހުރަގޭގައި ވެއަތުވެ ދިޔުމަށްފަހު، ހަތަރުވަނަ ދުވަހު ހެނދުނު ބައިރަވާ ހުރަގެއިން ނެރެގެން ގަނޑުވަރު ކައިރިޔަށް ގަސްދަށަށް ނެރެ، "މީނާގެ ކުށާއި މީނަޔަށް އޮތް އަދަބު ވެސް" ހަރުއަޑުން މީހަކު އިއުލާނުކޮށްފިއެވެ. ހީވާ ގޮތުގައި މި ނިޔާއެއް މި އައީ ޑަންޑަނަޔަކައާ ހަމަޔަކުން ނޫނެވެ. ސީދާ އެތެރެކޮއިލުން ރަދުންގެ ހިރިޔާ ސުއްދަ ވިދާޅު ބަސްފުޅަކުންނެވެ. އޭރު ވަރުހަނގުންނާއި ބޮޑުބޭކަލުން އެއްވެ ތިއްބެވިއެވެ.

ވަރުހަނގުން މިތަނަކަށް މި އެއްކުރެވުނީ ރަސްކަން އިންގިލާބަކުން ފުރޮޅައިލެވިދާނެ ކަމަށް އެއިން އެއްވެސް މީހަކު ހީކުރާ ނަމަ ލިބެން އޮތް އަދަބެއްގެ ބޮޑުކަން ވެސް އަންގައިލައި އިބުރަތަކަށް ވާނޭ ގޮތުން ކަމަށް ވެދާނެއެވެ.

ދެން ދޭވާންޏަކު ބައިރަވާ ބިންމަތީ ބަނޑުޖައްސައި ބާއްވައި އެއްތެލުން ތަޅަން ފަށައިފިއެވެ. އެންމެން ހުއްޓި ހަމަހިމޭންވެފައިވާއިރު، އެއްއަޑަކަށް ހުރީ ހޫރައިޖަހާ އެއްތެޔޮ ވައިކަފާ އަޑާއި ތަޅާ އަޑެވެ. އޭގެ އަމާޒަކަށް ވީ މީހާގެ ގަޔަށް ވަރުހުރި ސަތޭކަޔަށް ވުރެ ގިނަ އެތިފަހަރުއެރިއެވެ. މި ތެޅުމެއް ތަޅައި ނިމުނުއިރު ބައިރަވާއެކޭ ފިހަން އަނިޖަހައިފައި އޮތް މަހެކޭ އެއްގޮތެވެ. އަނދެގެން ހުރި ފޮށާގަނޑު ވަނީ ލެއިން ތަތްތެޅިފައެވެ.

ދޭވާނީން މީނާ ނަގައިގަނެގެން ގެންގޮސް ވަކި މުއްދަތެއް ނެތް ގޮތަށް އަރުވާލާން، ހަމަ އެދުވަހު ފުރަން އޮތް އިސްދޫ އޮޑިއަކަށް އަރުވައިފިއެވެ. ބައިރަވާ އެންމެ ހައިރާންވީ އެހެންވެސް ބޮޑެތި ސިޔާސީ ކުށްވެރީން ފަދައިން އޭނާ ހުވަދުއަތޮޅަށް ނުވަތަ ފުވައްމުލަކަށް ނުވަތަ އައްޑޫގެ ރަށަކަށް އަރުވައިނުލީމައެވެ. އޭނަގެ ވިސްނުމަށް އައީ އެކަހެރި ދެކުނުގެ އަތޮޅަކަށް ވުރެ ބޮޑަށް އޭނަގެ މައްޗަށް ސަރުކާރަށް ބޮޑަށް ފާރަވެރިވެވޭނީ އިސްދޫ ފަދަ އަބަދު ރާއްޖޭގެ ކަންކޮޅުތަކުން މީހުން އައިސް ގޮސްވާ ރަށަކަށް ކަމަށް ފެނިވަޑައިގަނެގެން އެގޮތަށް ކަންކުރެއްވީ ކަމަށެވެ. އަހަރުތަކެއް ކުރިން ވަޖުރާގެ ދެބަފައިކަލުން އަރުވާލެވިފައިވަނިކޮށް ފިއްލެވި ފަސޭހަ ގޮތުން ފިލާވަޅު ލިބިގެން ކަމަށް ވެސް ވެދާނެއެވެ.

ބައިރަވާ ލީ އޮޑިޔަކީ ހިޔާގަނޑުލައިފައި އޮތް ތިރީސް ރިޔަނުގެ ބޮޑު ފުރެއްދެ އޮޑިއަކަށް ވީކަން އެއީ އޭނާ ފަދަ ހާލެއް ނެތިފައިއޮތް މީހެއްގެ ނަސީބުކަން ނޭނގެއެވެ. އެ ތަނަވަސް ހިޔާތެރޭ ދަތިކަމެއް ނެތި އޭނާއަށް އޮވެވޭނޭ ޖާގައެއް މާލިމީ ހުސްކޮށްދީފިއެވެ. އަދި "މަންޒިލަށް ފޯރަންދެން މީނާއަށް ރަނގަޅަށް ކާންބޯންދޭން ވެސް" ކައްކާއަށް އަންގައިފިއެވެ.

އެހެނަސް ބައިރަވާއަށް އެއްޗެއް ކެވޭ ވަރެއް ނޫނެވެ. ދެ ދުވަސްވީއިރު މީހާ ދުޅަވެ، ކަށިކޮއްޔެއްހެން ފުއްޕައިފިއެވެ. ނަސީބަކުން ކޮންމެވެސް ކަބަރު ނޭނގޭ މީހަކު އޭނަޔަށް ޓަކައި އޮޑިޔަށް ކުރުނބާ އިހަލެއް އަރުވައިފައި އޮތެވެ. ހާލު ހުރި ގޮތުން އޭނާއަށް ކިރިޔާ ވެސް ދިރެނީ ކުރުނބާ ފެންފޮދެއް ހެވާކޮޅެއް ފަދަ އެއްޗެކެވެ. ކަރުވެސް ފުފި އަރު ބެދޭގޮތްވެފައި ހުންނާތީ އޮއްޓަރު ކުރެއްވި އެއްޗެއް ދިރޭ ގޮތް ހަމަ ނުވަނީއެވެ. ގަސްދަށުގައި ބާއްވައިގެން ތެޅިއިރު ހިތްވަރުން ތައްބައްދައިގެން އޮތް ނަމަވެސް އަޅާ ގަދަ ވޭނުގައި މިހާރު ކުކުރައިނުލައެއް ފަރަކު ނުޖެއްސެއެވެ.

ދިމާ އުތުރުން ޖެހުނު ރިޔާތަކަށް ސިކާރަ ވައިގައި މާލެއިން ފުރިތާ ތިންވަނަ ދުވަހު ފައްސިޔައަށް ދަތުރުކުރި އޮޑި އިސްދުވަށް ލަފައިފިއެވެ. ހަމަ ލެފުމާ އެކުހެން މާލިމީ ކުށްވެރިޔާއާ ބެހޭގޮތުން ސަރުކާރުން އައިސްފައި އޮތް ފަތްކޮޅު ވާރުވެރިޔާއަށް ރައްދުކޮށްފިއެވެ. ވާރުވެރިޔާ ފަތްކޮޅު ކިޔުއްވައިފައި އޭގައި ހުރި ކަންކަން ތަންފީޒުކުރުމާ މަތިކުރެއްވީ ކާރުދަވެރިޔާއާއެވެ. ދެން އޭނާވެސް އެ ވާޖިބު އަދާކުރުމަށް އަވަސްވެގެންފިއެވެ. ސަންގު ފުމެ ރައްޔިތުން އެއްކޮށްފައި ފުރަމާލޭ މަންގަލަގޭ ބައިރަވާއަށް އަދަބުދީ އަރުވައިލާން ޖެހުނު ކުށުގެ ބާވަތް ކިޔައިދީފިއެވެ. އަދި ކުށްވެރިޔާއާ ގުޅޭ ގޮތުން ރައްޔިތުންނަށް އޮތް ފަސް އަމުރެއް ވެސް އިއްވަވައިފިއެވެ. އެއީ:

1. މީނާ ބަހައްޓާންވާނީ ރަށުގެ ހެޔޮކޮށް އާބާދުވެ އަކުޑިފިލައިވާ ހިސާބާ ދުރުގައި ވަލުފަށުގައި ވަކިން ކުޑަ ޖިފުޓިއެއް ޖަހައި އެތަނުގައެވެ. 2. އެއްވެސް މީހަކު މީނާ ގާތުން އިލްމެއް ހުނަރެއް ލިބިގަނެގެން ނުވާނެއެވެ. ހަމަ އެފަދައިން ދަންނަ މީހަކު މީނާއަށް އިލްމެއް ހުނަރެއް ދަސްކޮށްދީގެން ވެސް ނުވާނެއެވެ. 3. ރޮދުލުން ފަންއެޅުން ފަދަ އެއްމެދު މަސައްކަތްތަކުގައި މީނާ ބައިވެރިކުރިޔަސް ހެވެވެ. ނަމަވެސް ބައިއަޅައިގެން ނުވާނެއެވެ. 4. އުޅެވޭ މީހެއްގެ ދަރިޔަކާ މީނާ ދެވައިގެން ނުވާނެއެވެ. 5. މީން އަމުރެއް މުގުރައިފި މީހަކަށް ހައްގު އަދަބު ދައުލަތުން ދެއްވާނެއެވެ.

މި އަމުރުތައް އިއްވުމާ ވިދިގެން ކާރުދަވެރިޔާ ހޮއްވެވި ހައެއްކަ މީހުން އެއްޗެއްސާ އެކު ގޮސް އިސާހިތަކު ވަލުފަށުގައި ދަނޑިފަނުން އެކަކަށް ހުރެވޭވަރުގެ ކުޑަ ޖިފުޓިއެއް ޖެހުމަށް ފަހު، އެތަނުގެ ބިންގަނޑުގައި ފަންގަނޑެއް ފަތުރައިފިއެވެ. ދެން އެ ހިސާބު ދުރަށް ހިނގައިފައި ދާނެހައި ވެސް ވަރު ގައިގައި ނެތް ބައިރަވާ ފަތްޖެހިއެނދަކަށް ލައިގެން ގެންގޮސް އެނދުން ނަގައި، ޖިފުޓިތެރެއަށް ދޫކޮށްލައިފިއެވެ. އޭރު ލަދުން ހުރި ދުވަހުގެ އިރު ހުޅަނގަށް ގޮސް އުދަރެހުގައިވާ ވިލާހަތިތަކާ އެޅި ނިވައިވަނީއެވެ. ހީވާ ގޮތުގައި މި ރަށުގައި ތިބި ބައިރަވާގެ ރައްޓެހީން ވެސް "ބަންޑާރައިންނަށް ހަރާންކޯރުވެފައިވާ" މިފަދަ ބޮޑު ކުށްވެރިޔަކާ ވައިއެޅޭން ވެސް ބޭނުމެއް ނުވިއެވެ. އެއިން މީހަކު އޭނާ އޮތް ހިސާބަށް އަރައިބުރައިލީކީ ވެސް ނޫނެވެ.

ނަމަވެސް ކައިރި ހިސާބެއްގައި ދިރިއުޅޭ ވަލުޕަސްވަތިގޭ ހޭމަވަތީގެ ދެމައިން، އެ ޖިފުޓިގަނޑުގައި އޮތީ އެމީހުން ދަންނަ މީހަކަށް ނުވިޔަސް އެއީ ވެސް އެމީހުން ފަދަ އިންސާނަކަށް ވާތީ މަރާ ހަނގުރާމަކުރަމުންދާ މިފަކީރުގެ ހާލު ބަލާން ފަށައިފިއެވެ. ފުރަތަމަ ކަމަކަށް، ރޭ އަނދިރިގަންނާން ފެށުމުން ޖިފުޓީގައި އެމީހުން ގެއިން ގެނައި ވޮށްދިއްލީއެވެ. ދެން ކާނޭ ފެނުކެއްކި އަލަތައްޓަކާއި އެޔާވާނޭ ދިޔާހަކުރު ބޯތައްޓަކާއި ގާނައިފައި ހުރި ހުނި ގެނެސްދީފިއެވެ. ނަމަވެސް ބަލިވެ ހާލެއް ނެތިފައިއޮތް މީހާއަށް މިތަކެތި ކެވިދާނެ ކަމަށް ނުފެންނާތީ ދެން އައީ އެމީހުންގެ އަވަށްޓެރި ރާވެރިގެއިން ރާބައްޖެއް ހިފައިގެންނެވެ. އަދި ރާވެރިޔާ ލައްވާ އެމީހުންގެ ރުކަކުން ކުރުނބާ އަޅުވައި، ތިން ކުރުނބާ މަނދެހަދައިގެންނެވެ. "ހައިބަނޑާ އޮއްވައި މަރުވެދާނެއޭ އެތިކޮޅެއް ކޭންބައްލައިވައިގެންނޭ އޮންނަވާން ވާނީ" ބުނެ ދެމައިންވެގެން މީނާ ނަގައި މީހާގެ ހާލުހުރި ގޮތުން އަމިއްލަޔަށް ބޮވިދާނެ ކަމަށް ނުފެންނާތީ ސަމުސަލަކުން ޖެއްސުމުން ވެސް ބޮއިލާ އެތިދޮފު އެތެރެނުވެ ދަނީ ބޭރަށެވެ. ދުޅަވެއަރައިފައިވާ މީހާގެ ގައިގެ އުނަގަނޑުން ތިރީން ފިނދުމަސްގަނޑާއި ފައިގެ ފަލަމަސްގަނޑުގައިވާ ފާރުތައް ދޮސްގަންނަ ގޮތްވެފައިވާތީ މީނާއަށް އިންނާން ދަތިވެއެވެ. އޮންނައިރު އޮވެވެނީ އަރިއަކަށެވެ. ގައިން ދުވާ ކުނިވަހުން މީނަޔާ ގާތްވާން މީހަކު ޖެހިލުންވާނެއެވެ. ނަމަވެސް ހޭމަވަތީއެއް ނޫނެވެ. ދުނިޔޭގެ ދެކޮޅު ފެނިފައިވާތީ އޭނާ އަދު ޖެހިލުންވާ ކަމެއް ނެތެވެ. ރަށުގެ އާންމުން ފަދައިން ސަރުކާރު ދެކެ ގަންނަ ބިރެއް ވެސް ނުމެ ނެތެވެ. ބަލިމީހުން ބެލެހެއްޓުމުގެ ތަޖުރިބާ ހުރި މީހަކަށް ވާތީ މީނާގެ ފާރުތަކަށް ލަހެއްފަހެއް ނެތި ބޭސްފަރުވާ ކުރުމުގެ މުހިންމުކަން އޭނާއަށް ވިސްނެއެވެ. ބަލިމީހާ ގައިގާ އަޅާ ގަދަ ވޭނަށް ކިރިޔާ ވެސް ލުޔެއް ލިބޭނީ ފާރުތައް ފަސޭހަވާން ފެށުމުންނެވެ. އެހެންކަމުން ވިސްނާން ފެށީ ފަރުވާދޭނެ މީހަކާ މެދުގައެވެ. ވެރީން ދެކެ ގަންނަ ބިރަކުން މިރަށު ބޭސްވެރިޔަކު މީނާއަށް ބޭސްފަރުވާއެއްކޮށްދީފާނެހެން ހީނުވާތީ، ތިމާގެ ތިން ކުއްޖަކާ އެކު ކުޑަދޯންޏެއްގައި ހޭމަވަތީ ހަމަ އެރޭ ފުރައިގެން ދިޔައީ މިރަށާ ކައިރި ހިސާބެއްގައި އެއްފަޅުތެރޭ އޮތް ދަނބިދުވަށެވެ. އެރަށުގެ މަޝްހޫރު ބޭސްވެރިޔާ ސަގުރަސް ގާތަށެވެ. އެއީ އިހެކޭ އެއްފަދައިން މިހާރު ވެސް ބަދަލުނުވެ ހުރި އާއިލީ ރައްޓެއްސަކަށް ވާތީ އޭނާ ބޭސްކޮށްދީފާނެކަމަށް ފެންނާތީއެވެ. އަގަކާ ނުލައި ހިލޭ ބޭސްފަރުވާ ދެވެންނެތް ނަމަ އަގު ނެގި ނަމަވެސް ހޭމަވަތީއަށް ހެވެވެ. އޭނާ ހުރީ ގޮވާމުން ނުވަތަ ބޮލި ރޯނުން ވިޔަސް އަގު އަދާކުރާން ތައްޔާރަށެވެ. ފުރުމުގެ ކުރިން ހޭމަވަތީ ދަރިފުޅަށް ބުންޏެވެ.

މަންމަޔަށް އާދެވެންދެން ދަރިފުޅާ ކައިދިރިޔާގެ ދި ރެއްކާއާ ދެ ކުދީން ވެގެން ބަލިވެއޮތް މީހަށް ރުކުރާފޮދު ނުވަތަ ކުރުނބާފެންފޮދު ޖައްސައި ހޭހަންކޮށް ބަލަހައްޓާށެވެ. ބޭސްވެރިޔާ އަތުން ގިނަ އަދަދެއްގެ ކަނޑިފާރު ބޭސް ހޯދައި ފުނޑައިހަދައިގެން މަންމަޔަށް އެނބުރި އާދެވޭވަރުވާނީ މިރޭ ވަރަށް ދަންވާފަހުންނެވެ. ނޫން ނަމަ މާދަމާ ހެނދުނުހެނދުނާ ކަމަށް ވެސް ވެދާނެއެވެ. ދަރިފުޅުމެން ދެ ކުދީން ބަލިމީހާ ގާތު ދަމަށް ތިބޭށެވެ.
ލިޔުންތެރިޔާ

އެ ބަސް މައްޗަށް ތުއްބީއާއި ރެއްކާއަށް ތިބެން ޖެހުނީ ލޮލުފިޔައެއް ނުމެ ޖަހައި ދަމަށެވެ. ބަލިމީހާ ދަނީ ހޭހުންނަ ފަހަރާ ނުހުންނަ ފަހަރެވެ. މި ގޮތަށް ހޭނުތެނު ފަހަރަކު ތުއްބީ މީހާގެ ވިންދު ބަލައިލިއިރު ވިންދުވެސް ބަލިކަމުން ދެން މީނާ މިއަތަކަށް ނާންނާނެއޭ ހީވިއެވެ. ނަމަވެސް ފަހުން ހޭއެރުމުން ބައިރަވާގެ އަނގައިން، ހުވަފެނުގައި މީހުން ވާހަކަދައްކާ ކަހަލަ ބަލި އަޑަކުން ބޭރުވީ، ހައިރާންކުރުވި ބަހެކެވެ. "ވިރާޖަށް ދަންނަވާށެވެ. ކަޅުފަރާއަކީ ދިވެހި ރަސްކަމުގެ ފަރާތުން ތިޔަ ބޭފުޅުން މައްޗަށް ފާކޮށްފައި ހުރި ކަޅުހަރުފައެކެވެ. އެ ހަރުފަ ޖެހި ޖެހީނުން ތަންޑާއަރުވައިލާށެވެ." އިތުރު ބަހެއް ބުނުމުގެ ކުރިން އޭނާ ހޭނެތިއްޖެއެވެ.

ދަނބިދުވަށް ދިޔަ ތުއްބީމަންމަޔަށް ސަގުރަސް އަތުން ކަނޑިފާރު ބޭސް ހޯދައި ބޭސް ފުނޑައިހަދައިގެން ރަށަށް އެނބުރި އާދެވޭވަރު ވީ ފަތިސްވެ ހާގޮވި ފަހުންނެވެ. ބޮޑު ފިރިހެނެއްގެ ނިވާ ހިސާބުގައި ބޭސްއަޅައި ބަދެލިލައި ހެދޭނީ ބޮޑުފިރިހެނަކަށް ކަމަށް ވާތީ އޭނާ އެކަމަށް ގެނައީ ކަމުގެ ފާޑުހުރި އަވަށްޓެރި ފިރިހެނެކެވެ. އެކަމަށް ތައްޔާރުވެ ވާހަކަދައްކާ އަޑަށް ނޫން ކަމެއް ވެސް ނޭނގެއެވެ. ބަލިމީހާ ހޭއަރައިފިއެވެ. އަދި ހޭމަވަތީ ޖެއްސި ކުރުނބާފެން ސަމުސަލުން ސަމުސަލުން ބޮއި ހުސްކޮށްފިއެވެ. މިއީ މީނާ މިއަތަށް އަންނާނޭ ކަމުގެ އަލާމާތެއް ކަމަށް ފެނި ހޭމަވަތީ ވީ އުފަލުން ގައިން ވަރު ދޫނުވީ ކިރިޔާއެވެ. ހިތަށްއެރިއެވެ. މިއީ ޖާނާއި އިސްކޮޅާއި ހިތްވަރު ހުރި ފަހުލަވާނަކަށް ވީކަން އެއީ ނަސީބެކެވެ. ނޫން ނަމަ މިވަރަށް ތަޅާ ހަނައަނބުރައިލައިފައި އޮތްއިރު މީނާ މިއަތަކަށް ނައީހެވެ.

ބޭރުގައި މަޑުކޮށްލައިގެން ތިބި ހޭމަވަތީގެ ދެމައިންނާއި ރެއްކާ އެނބުރި ޖިފުޓިގަނޑަށް ވަނީ ބޭސްއަޅައި ނިމުމުންނެވެ. އޭރު ބަލިމީހާގެ ހޭވަރިކަން ހުއްޓެވެ. ނަމަވެސް މީނާއަށް ވާ ނުވާ ބަލާން މީހަކު މީނާ ގާތު އިނުމީ ކޮންމެހެން ވެސް ބޭނުން ކަމެއް ކަމަށް ދެކޭތީ، ދަރިމަންޖެއާއި ރެއްކާ ނިދަން ގެޔަށް ފޮނުވައިލައިފައި އޭނާ ބައިރަވާ ގައިން މަދިރި ފައްސައި ހޭހަންކޮށްދީހަދާން ހޭލައި އިނީއެވެ. އަޅައިލާނެ ވާލެއް އިޔާރެއް ނެތް މިފަދަ ބަލިމީހަކަށް ބޭނުންވީ އެހީތެރިކަން ފޯރުކޮށްދެވޭތީ އޭނަޔަށް މިރޭ ލިބިފައިވަނީ ކޮންފަދަ މަތިވެރި ރޫހީ އުފަލެއް އަދި ހިތްވަރެއް ހެއްޔެވެ؟

ގެޔަށް ދިޔަ ތުއްބީ ނިދަން އުޅެއުޅެ ވެސް ނިދި އަންނަ ގޮތެއް ނުވިއެވެ. ޚިޔާލުގައި އެނބުރެމުންދިޔައީ ހޭހުރުމާ ނުހުރުމާ ދެމެދު ބަލިމީހާގެ އަނގައިން ބޭރުވީ ބަހެވެ.

ވިރާޖަށް ދަންނަވާށެވެ. ކަޅުފަރާއަކީ ދިވެހި ރަސްކަމުގެ ފަރާތުން ތިޔަ ބޭފުޅުން މައްޗަށް ފާކޮށްފައި ހުރި ކަޅުހަރުފައެކެވެ. އެ ހަރުފަ ޖެހި ޖެހީނުން ތަންޑާއަރުވައިލާށެވެ.
ލިޔުންތެރިޔާ

މަންމަޔާ އެކު މާލެފައިބައި ހުރިއިރު، އެއް ދުވަހަކު މަޕޫ ކިޔައިދިން ތާރީޚީ ވާހަކައަކުން ވިރާޖަކީ ކާކުކަން ތުއްބީއަށް ވަނީ އެނގިފައެވެ. އެކަމަކު ކަޅުފަރާއަކީ ކާކު ހެއްޔެވެ؟"

ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދެނެލައްވާ އިސްދޫވޭރުގެ ސަގުލަމާނު ޕަދްމަނާބަން އެ މީހަކު ދެނެލައްވާނެކަން ކަށަވަރެވެ. އެހެންކަމުން އިރުއަރައި އަލިވުމާ އެކު، އޮތް ތަނުން ތެދުވެގެން ދުވެފައި ކަހަލަ ގޮތަކަށް އެ މަންޖެ ދިޔައީ ވޭރަށެވެ. އެބޭބެއާ ބައްދަލުކޮށް ހިތުގައި ހިނގާ ސުވާލު ބޭރުކޮށްލުމާ އެކު ސުވާލަށް ޖަވާބު ވެސް ލިބިއްޖެއެވެ.

ކަޅުފަރާއަކީ ކޮޅުމަޑު ކަޅުފަރާއޭ ކިޔާ ފަޅުރަށެއް ލިޔުއްވައިގެން އުޅޭ ކަޅުފަރާކަލޭގެއޭ ކިޔާ ތިމަރަފުށީ މީހެކެވެ. އޭނާވަނީ ލޮލު ބޭހެއްގެ ބަހަނާގައި ބަންގާޅަށް ގޮހެވެ.
ލިޔުންތެރިޔާ
ބަހަނާއެކޭތޯއެވެ؟" ތުއްބީ އަހައިލިއެވެ.
ލިޔުންތެރިޔާ
ބަހަނާއެކޭ ބުނީ އޭނަގެ ލޮލުގެ މައްސަލައެއް މަށަށް ފާހަގަކުރެވިފައި ނެތީމައެވެ." ކަންކަން ނުހަނު ފަސޭހައިން ފާހަގަކޮށްލައްވާ ސަގުލަމާނު ހީނލައްވައިފައި ބުނުއްވިއެވެ.
ލިޔުންތެރިޔާ

މިހާރު ދެން ބައެއް ރައްޓެހި ކުދީން ވަނަކަށް ބުއްދިބޯ ކިޔާ ތުއްބީއަށް ހުރިހާ ކަމެއް ސާފުވެއްޖެއެވެ. އެ ކަޅުފަރާއަކު ބަންގާޅަށް ގޮސް އެ ހުންނަނީ ވިރާޖު ހުންނަވާ ގޭގައެވެ. އެއީ ދިވެހި ސަރުކާރުގެ ޖާސޫސެކެވެ. ބައިރަވާ ފަކީރަށް މި ލިބުނު ބޮޑު އަދަބާ އެ މީހަކާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ރަށު ބަނދަރުގައި މިހާރު އެ އޮތް ބަންގާޅު އޮޑި ހުޅަނގުވުމުން ފުރައިގެންދާއިރު، އެއޮޑިން ބަންގާޅަށް ދާން ނިންމައިގެން ހުރި އެމީހުންގެ ޅިޔަނެއްގެ ހަވާލުގައި ބައިރަވާގެ މެސެޖު ފަންވަތެއްގައި ލިޔެފައި ވިރާޖަށް ރައްދުކުރާން އޭނާ ފޮނުވާނެއެވެ. އެއީ ކޮންމެހެންވެސް ކުރާންޖެހޭނެ ކަމެއް ކަމަށް އޭނާގެ ހިތް ބުނެއެވެ.

**ޑަންޑަނައިކަ:** ކުށްވެރީންނަށް ޢުޤޫބާތްދިނުމާ ބެހޭ ވަޒީރު. ބަސްނަގައިފައި އެވަނީ ލޯމާފާނުންނެވެ.

Your email address will not be published.

މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.

ދިވެހި ބަސްއަދަބިއްޔާތުލިޔުންތެރިން