ތަޢުލީމާއި ތަރުބިއްޔަތު

ކިޔަވާ ކުދިންގެ ކިބައިގައި އިސްލާމީ ރިވެތި އަޚުލާގު އަށަގެންނެވުމަކީ މައިންބަފައިންގެ ޒިންމާއެއް.

ލިޔުން ކިޔައިފައިވާ ޢަދަދު: 576...

ޝަކީލާ ޙާމިދު
ޝަކީލާ ޙާމިދު
3 މިނެޓްގެ ކިޔުމެއް5 ސެޕްޓެމްބަރު 2026
ކިޔަވާ ކުދިންގެ ކިބައިގައި އިސްލާމީ ރިވެތި އަޚުލާގު އަށަގެންނެވުމަކީ މައިންބަފައިންގެ ޒިންމާއެއް.

ލިޔުން ކިޔައިފައިވާ ޢަދަދު: 576

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 3މިނިޓު \|

**ކިޔަވާ** ކުދިންގެ ކިބައިން ފެންނަން ޖެހޭ ރީތި ސިފަތައް ވަރަށް ގިނައެވެ. ނަމަވެސް އެންމެ މުހިންމު ސިފައަކީ ރީތި އަޚުލާގެވެ. ކިޔަވާކުދިންގެ ކިބައިގައި ރީތި އަޚުލާގު އަށަގެންނެވުމުގެ ޒިންމާ ނަގަން ޖެހެނީ ކޮންބައެއްކަމާމެދު ސުވާލެއް ނުއުފެދެއެވެ. ޓިޗަރުންނެވެ. މުޖުތަމަޢުއެވެ. އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ކިޔަވާކުދިންގެ ކިބައިގައި ރީތި އަޚުލާގު އަށަގެންނެވުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ މައިންބަފައިންވެ.

ކިޔަވާކުދިންގެ ކިބައިގައި އިސްލާމި ރީތި އަޚުލާގު އަށަގެންނެވުމަށްޓަކައި މައިންބަފައިންގެ އަމަލުން ދަރިންނަށް ނަމޫނާ ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލެއްގެ ގޮތުން ދަރިންގެ ކުރިމަތީގައި މައިންބަފައިން ރީތިބަހުން ވާހަކަދެއްކުމާއި ދަރިންގެ ކުރިމަތީގައި ޒުވާބު ނުކުރުމުން ކުދިންގެ ކިބާގައި މިއާދަ ހަރުލުމަށް މަގުފަހިވެއެވެ. ތަފާތު އެކިކަހަލަ ދިރާސާތަކުން ވެސް ސާބިތުވާ ގޮތުގައި ދަރިންގެ ކިބައިގައި ރީތި އަޚުލާގު ހަރުލެއްވުމަށް އެންމެ ފަސޭހަގޮތަކީ މައިންބަފައިން ނަމޫނާ ދެއްކުމެވެ. އަހަރެމެންގެ ދީން، މާތްވެގެންވާ އިސްލާމްދީނުން ވެސް އަހަރެމެންނަށް މިކަން ފެންނަން އޮތީ ހަމަ މިހެންނެވެ. މިކަމުން އެނގޭ އެއްޗަކީ ދަރިންގެ ކިބައިގައި ރީތި އަޚުލާގު ހަރުލެއްވުމަށް މައިންބަފައިން ކުޅެން ޖެހޭ ރޯލުގެ މުހިންމު ކަމެވެ.

ދީނީކަންކަން ކުރުމަށް ބާރުއެޅުމަކީ ދަރިންގެ ކިބައިގައި އިސްލާމި ރީތި އަޚުލާގު އަށަގެންނެވުމަށްޓަކައި އެންމެން ވެސް ކުރަންޖެހޭކަމެކެވެ. ޚާއްސަކޮށް މައިންބަފައިންނެވެ. ދަރިންނަށް ކުޑައިރުއްސުރެ ދީނީ ވާހަކަތައް ކިޔައިދޭންޖެހެއެވެ.  ކީރިތި ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމްގެ ޙަޔާތްޕުޅާ ގުޅުންހުރި ވާހަކަތަކާ ޙާދިސާތައް ވެސް ކިޔައިދޭން ޖެހެއެވެ. ހަމަ މިފަދައިން ފިރިހެންކުދިން ބައްޕައާ އެކީ މިސްކިތަށް ނަމާދަށް ފޮނުވާ، އަންހެން ދަރިން މަންމައާ އެކު ގޭގައި ނަމާދު ކުރުމަށް ބާރު އެޅުމަކީވެސް ވަރަށް މުހިންމުކަމެކެވެ. އަދި ހަމަ މިއާއެކު ދެނަމާދު ދޭތެރޭ ޤުރުއާން ކިޔުއްވުން ނުވަތަ ދުވަހުގެ ކޮންމެވެސް ވަގުތުކޮޅެއް ކީރިތި ޤުރުއާން ކިޔެވުމަށް ޚާއްސްކޮށްފިނަމަ މިކަން ހުންނާނީ ކުދިންނަށް އާދަވެފައެވެ. މިފަދަ ކަންކަމުން ދަރިންނަށް ނަމޫނާ ދެއްކުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ދަރިންގެ ކިބައިގައި ރީތި އަޚުލާގު ހަރުލެއްވުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމެވެ.

ރަނގަޅު ނޫންކަމެއް ކުރުމުން ދީނުގައި އެކަމަކަށް އޮންނަ އަދަބު ކިޔައި ދިނުމަކީ ދަރިންގެ ކިބައިގައި އިސްލާމި ރީތި އަޚުލާގު އަށަގެންނެވުމަށްޓަކައި މައިންބަފައިން ކޮންމެހެން ކުރަންޖެހޭކަމެކެވެ. މި ގޮތުން މައިންބަފައިން އަދި ބޮޑެތި މިހުނާއި ހުތުރު ބަހުން ވާހަކަ ދައްކައި ޒުވާބު ކުރުމަކީ ފާފަވެރިވުމަށް މަގުފަހިވެގެންދާ ކަމެއްކަން ކުދިންނަށް ބުނެދޭންވާނެއެވެ. ހަމައެއާއެކު ދޮގުހަދާ، އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުމަކީ ފާފަވެރިވާނޭ ކަމެއްކަން އަންގައިދޭންވާނެއެއެވެ. ޒިނޭފަދަ ބޮޑެތި ފާފަތައް ކުރުމަކީ ހަތްދިހަ އެތިފަހަރުން ހައްދު ޖެހޭނެކަމެއްކަން ބުނަންވާނެއެވެ. މިހުރިހާ ކަންތައްތަކަކީ ކުޑައިރުއްސުރެ އަހަރެމެންގެ ދަރިންގެ ކަންފަތަށް މައިންބަފައިންގެ ފަރާތުން އިއްވާ އަޑެއްނަމަ ދަރިން މިފަދަ ކަންކަމުން ދުރުވެ ތިބޭނެއެވެ. އަދި މިފަދަ ކަންކަމަށް އަރައިގަންނަން ބިރުވެތިވާނެއެވެ. ވީމާ މި ޒިންމާ ވެސް އެންމެ ފުރަތަމަ އުފުލަން ފަށަން ޖެހޭ ބަޔަކީ އަޅުގަނޑުގެ ނަޒަރުގައި މައިންބަފައިންނެވެ.

ކިޔަވާ ކުދިންގެ ކިބައިގައި އިސްލާމީ ރިވެތި އަޚުލާގު އަށަގެންނެވުމަށްޓަކައި މައިންބަފައިން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ  މި އުއްމަތުގެ މާތް ނަބިއްޔާގެ ފުރިހަމަ އަޚުލާގު ކުދިންނަށް ކިޔައި ދިނުންކަމަށް އަޅުގަޑަށް ގަބުލުކުރެވެއެވެ. މާތް ނަބިއްޔާ ދަތި އުނދަގޫ ވަގުތުތަކުގައި ކެތްތެރިވެވަޑައިގެންނެވިކަން ދަރިންނަށް ކިޔައި ދޭންވާނެއެވެ. މިސާލަކަށް ކީރިތި ރަސޫލު ޞ ޢ ވ ދީނަށް ގޮވައިލެއްވުމަށް ޠާއިފަށް ވަޑައިގަތް ވަޑައިގަތުމުގައި ކަންހިނގިގޮތް ކިޔައިދިނުމަކީ ކުދިން ޝައުގުވެރިކަމާއެކު އަޑުއަހައި އެކަންކަމާމެދު ވިސްނާނެ ކަމެކެވެ. ހަމައެއާއެކު ކީރިތި ރަސޫލާގެ އޯގާތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމުގެ ވާހަކަތައް ކުދިންނަށް ކިޔައިދިނުމަކީ ވެސް ކުދިންގެ ކިބާގައި އިސްލާމީ ރީތި އަޚުލާގު އަށަގެންނެވުމަށްޓަކައި މައިންބަފައިން ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.

ކިޔަވާކުދިންގެ ކިބައިގައި އިސްލާމި ރިވެތި އަޚުލާގު އަށަގެންނެވުމަށް މައިންބަފައިން އަދާކުރަންޖެހޭ ދައުރު ވަރަށްބޮޑެވެ. މިގޮތުން ދަރިންނަށް މައިންބަފައިންގެ އަމަލުން ނަމޫނާ ދެއްކުމާއި ދީނީކަންތައްކުރުމަށް ބާރުއެޅުމާއި، ކުށްތަކަށް ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތައް ކިޔައިދިނުމާއި އަދި ކީރިތި ރަސޫލާގެ ރީތި އަޚުލާގާއި ކެތްތެރިކަމުގެ ވާހަކަ ކުދިންނަށް ކިޔައި ދިނުން ހިމެނެއެވެ. ވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކިޔަވާ ކުދިންގެ ކިބައިގައި ރީތި އަޚުލާގު އަށަގެންނެވުމަށް މި ކަންތައްތައް ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.

Your email address will not be published.

މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.

ދިވެހި ބަސްއަދަބިއްޔާތުލިޔުންތެރިން