ތަޢުލީމާއި ތަރުބިއްޔަތު

ތޮއްޑުއަށް އެރި ބޭރި

ލިޔުން ކިޔައިފައިވާ ޢަދަދު: 126...

ޝަކީލާ ޙާމިދު
ޝަކީލާ ޙާމިދު
6 މިނެޓްގެ ކިޔުމެއް5 ސެޕްޓެމްބަރު 2026
ތޮއްޑުއަށް އެރި ބޭރި

ލިޔުން ކިޔައިފައިވާ ޢަދަދު: 126

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 5މިނިޓު \|

**ރިޔަލު** ދޯންޏެއްގައި މާލެއާ ތޮއްޑުއާ ދެމެދު ދަތުރުކޮށްލުމުގެ ނަސީބު ނުވަތަ ބަދުނަސީބު އަޅުގަނޑަށް ލިބުނެވެ. މި ޒަމާނުގައި ގަޑިއެއްހައި އިރުން މި ދެމެދު ބައްދައިލެވުނަސް، އެ ޒަމާނުގެ އެ ދަތުރަށް ތިންރޭ ތިން ދުވާ ހޭދަވިއެވެ. މޫސުމުގެ ފުރޮޅުންތަކުގެ ސަބަބުން، ރިޔަލަށް ވައި ނުލިބުމާއި، އޮޔާއި ވަޔަށް އައި އެނބުރުންތަކާ ހުރެ، ދަތުރު ނިންމައިލެވުނީ އެތައް ތަނެއްގައި ބަނދަރު ކޮށްގެނެވެ. ސީދާ މިސްރާބު އޮޅި، އެހެން ރަށެއްގެ ފަރުބޭރަށް ފަނާ ލައިގެންނެވެ. އެތައް ފަހަރަކު އަނބުރާ ހޭރިޔާކޮށްގެނެވެ. ކުޑަކުއްޖަކަށްވީތީ ދުވާލުގެ ގަދަ އަވީގައްޔާއި ރޭގަނޑުގެ ގަދަ ފިނީގައި އަޅުގަނޑު ގިނައިން އިނީ އައްތޮށިން ހަދައިފައިވާ ހިޔާގަނޑުތެރޭގައެވެ.

ނިންޖަކުން ހޭލެވުނު އިރު، ބާ އައްތޮށިގަނޑެއްގެ ދެ ވަތްދޭތެރޭން ފަތިހެއްގެ ދޯދިތައް ކަނިލައެވެ. އެ ތަންވަޅު ހިޔާގަނޑުގެ ބޭރުން، \[ހޭލައިފި\]އޭ \[ވަތް އެނގެން ފަށައި\] އޭ ގޮވާލާ އަޑެއް އިވުނެވެ. އަވަސް ހަރަކާތުގައި ހިޔާގަނޑުތެރޭން ބޭރަށް ދެމިގެންފީމެވެ. \[އެ އޮތީ ދޯ އެ ސައިތާނު ދިޔަތަން؟ ނިކަން ދެކިބަލަ! ގާތައް ވެސް އެ އޮތީ ފުރޮޅައި އެއްފަރާތަކަށް ފުންޏަކަށް ޖަހައިފައި\] އެކަކު މިހެން ބުނާ އަޑު އިވުނެވެ. އަޅުގަނޑަށް ވެސް އެ ބުނާ ތަނަކާ ދިމާޔަށް ކަޅި އެއްލިއްޖެއެވެ. ތެދެކެވެ. ތޮށިމަތީން ހެދިފައިވާ އޮޅެއްހެން ފެންނަ، ގަލެއް ނެތް ރީތި މަގެއް އޮތެވެ. އެ މަގުގެ ދެ ފަރާތުން އޮތީ ރޯ މުޑުހިރިތަކާއި ހަތައިތަކާއި މުރަކަތަކުން ފުރިގެންވާ ބޮޑު ފަރެވެ. "ނޯނޭ ތިޔައީ ބޭރި ދިޔަ މަގެއް ނޯން. ތިޔައީ މި ރަށުން ކަށިވިދުރި ބޭލި މަގު" ފުރަތަމަ މީހާގެ ބުނުން ނަފީކޮށް ދެވަނަ މީހާ ކަށަވަރު ކޮށްދިނީ އެއީ ބޭރި އެރި މަގު ނޫންކަމެވެ. އެއީ ކަށިވިދުރި ބޭލިތަނުގެ ނިޝާންކަމެވެ.

އިރުކޮޅެއްގެ ތެރޭގައި އޮޑި ފަޅަށްވަދެ ފައްތިޔަލުގައި ހިފައިފިއެވެ. ދަތުރު ނިންމައި އެއްގަމަށް ފޭބިއްޖެއެވެ. އުމުރުން ހަގުކަމާ އެކު ވެސް މިހެން އިވޭ އަޑުތަކުގެ އެ ކޮޅު މި ކޮޅު ހޯދުމަށް އަޅުގަނޑުގެ ކިބައިގައި ހުންނަނީ މާ ބޮޑު ދަހިވެތިކަމެކެވެ. އެހެންވީމާ، \[ބޭރި\] މިއީ ކޮން އެއްޗެއްތޯ ހޭރިގެން ވެސް ބަލައިލާ ހިތްވެއްޖެއެވެ. އެ މަގަކީ އެއީ ބޭރި އެރިކަމުގެ ބުރުހާނެއް ކަމަށް ވަންޏާ، އެ ބޭރިއެއް އެރި ތަނަކާއި، ކުރި ކަމެއް ވެސް އޮންނާނެތާއެވެ. ފައިބައިގެން ދިޔަ ގޮތެއް ވެސް ސަބަބެއް ވެސް އޮންނަން ވާނެތާއެވެ.

އުމުރުން 83 އަހަރުވެފައިވާ މީހަކާ ސުވާލު ކޮށްލީމެވެ. އޭނާ އަކީ ރަށުގެ މިސްކިތެއްގެ މުދިމު ވެސްމެއެވެ. އަދި އޭނާ ނޫނަސް އުމުރުން ދުވަސްވީ ފަސް، ހަ މީހަކު ކުރެން މި ވާހަކަ އަހައިލީމެވެ. އޭގެ ތެރޭގައި ދެ އަންހެނަކު ވެސް ހިމެނެއެވެ.

ވާހަކަތަކުގެ ޚުލާޞާއަކީ މި އެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި މާތް ރަސޫލާގެ ޢީދު މީލާދު ފާހަގަކުރުމަށް އިހު ދިވެހިން ބާއްވައި އުޅުނު އެންމެ ޚާއްޞަ އިޙްތިފާލަކީ ރަބީޢުލްއައްވަލު މަހު 12 ވިލޭރޭގެ ބޮޑުމާލޫދެވެ. މި ކަމަށްޓަކައި ދިވެހިން ތައްޔާރުވާން ފަށަނީ ވަރަށް ކުރީންނެވެ. ރަބީޢުލްއައްވަލު މަހު 11ވަނަ ދުވަހަކީ މަސައްކަތުގެ އެންމެ ފަހު ދުވަހެވެ. ހެނދުނު ހޭލައިގެން ކޭން ކެއްކުމުގެ ތައްޔާރީތައް އޮންނާނެއެވެ. ކުކުޅު ހިފައި ކަތިލައި ނޮޅަން ފަށާނެއެވެ. ހަރުގެ އެޅުމުގެ މަސައްކަތް ހިނގަމުންދާނެއެވެ. ރަށުތެރެ ކުނިކަހައި ދޮންވެލިލައި ޒީނަތްތެރި ކުރެވޭނެއެވެ. އިރު އޮއްސިގެން އަންނަ އިރު މުޅި ރަށުތެރެ ހީވާނީ ފަރުވާތެރިކަމާއެކު ބެލެހެއްޓޭ ޒިޔާރަތެއްގެ އެތެރެހެންނެވެ. ސާފުކަމާއި ތަރުތީބުކަމެވެ. ހިތާ ހަށި ފުރޭ ފަދަ މީރުމީރު ދުންވަހެވެ. އުނި މަލާއި ކަށިމަލުގެ އާރޯ ހުވަނދުކަމެވެ. ހަމަ ހިމޭންކަމެވެ. މަޑުވެފައިވާ ހިތްތަކުގެ ރޫޙާނީ ޖަޒުބާތެވެ. ފުރަ މާތް ޠާހާގެ ލޮބުވެތި ޒިކުރާގެ ކަރާމާތާއި ހައިބަވެތިކަމުގެ އިޙްސާސެވެ. ހަމަ އެހެންމެ ފުޅިބައްތީގެ އަލިކަން ފިޔަވައި އެހެން އަލިކަމެއް ނެތް އެ ޒަމާނުގައި، ރުއްގަސް ބޯ، މާ ރަށެއްގައި އޮންނާނެ ލޮލަށް އިނގިލި ގޯޅާލިޔަސް ނޭނގޭނެ ކަނު އަނދިރީގެ ނާމާން ބިރުވެރިކަމެވެ.

މައުލޫދަށް ހަރުގެއަށް އެރުވޭ ކޭންތަކަށް ތަފާތު ނަންތައް ކިޔެއެވެ. ކުކުޅުލާކޭމެވެ. ރިހަބަތް ކޭމެވެ. ބޮނޑިބަތް ކޭމެވެ. ސައިކޭމެވެ. ފުރަތަމަ ރެޔަކީ ކުކުޅުލާ ކޭން އޮންނަ ރެއެކެވެ. ޢިޝާނަމާދުން ފޭބި އިރު އޮތީ ހަރުގެއަށް ދުރުވުމަށް އެންމެހައި ބޭކަލުންނަށް ކިޔައިފައެވެ. އެހެންކަމުން ރަށުގެ ހުރިހައި ފިރިހެނުންހެން އެ ގޮވާލުމަށް އިޖާބަދީފިއެވެ. އެ ބޭކަލަކާ އެކަށީގެންވާ ގޮތުގެ މަތީން އެ ބޭކަލެއްގެ ޖާގައިގައި، ހުރިހައި ބޭކަލުންމެ ހަރުގެތެރޭ އިށީނދެ ލައްވައިފިއެވެ. ޅެންވެރީން (މާލޫދުޅެންބައި ކިޔާ މީހުން) ޅެންވެރީންގެ ސަނދުވާ ދަށުގައެވެ. މަސްވެރީން މަސްވެރީންގެ ސަނދުވާ ދަށުގައެވެ. ރާވެރީން ރާވެރީންގެ ސަނދުވާ ދަށުގައެވެ. އެ ނޫން މީހުން އެ މީހުންނަށް މުނާސަބު މަހައްލުތަކުގައެވެ.

މާލޫދު ފެށުމުގެ ކުރިން ދެކަމެއް އޮންނާނެއެވެ. ޞަލަވާތް ފާތިޙާ ކިޔެވުމެވެ. އިމާމާގެ އިޝާރާތަށް ކޭންތައް މޮހައި ކޭން ކެއުމެވެ. އެ އަށް ފަހު **\[لقد جاء\]** ނިންމައި **\[بِشَهرٍ\]** ފެށުމުން މާލޫދު ފެށުނީ އެވެ. ޅެންވެރީން ފިޔަވައި ދެން ތިބީން، ހަރުގެއިން ފައިބަންނަވާނެއެވެ.

މި ރެޔަކު ކަންވީ މުޅީން ތަފާތު ކޮށެވެ. ޞަލަވާތް ފާތިޙާ ނިންމައި ކެއިން މޮހަން ތައްޔާރުވެލިތަނާ ހަރުގޭ ކުކުޅަވަހިން ބޯ ދިއްކޮށްލީ މާ އާދަޔާ ޚިލާފު އިފުރީތެކެވެ. އިންސާނަކު ދުވަހަކު ދުށް ވައްތަރެއްގެ ދާއްބައެއް ނޫނެވެ. އޭގެ ނުބައި ފަރުހަކި ވަހާއި، ނުރައްކާތެރި ސޫރަޔާއި، ބިރުވެރި އަޑަށް ގަންނާކުރެއްވި ބިރުން ހަމަ ވަގުތުން އެތައް ބަޔަކު ޚަބަރު ހުސްވެގެން ހަރުގެތެރެ އަށް ދެމިއްޖެއެވެ. ދެންތިބި މަދު ބަޔަކު ދުލަށް އައިހައި ހެޔޮ އެއްޗެއް ކިޔޭތޯ އުޅެތެވެ. ތުރުތުރު އަޅަމުންނެވެ. ރޮވެމުންނެވެ. ދެންމެ ދެންމެ ރޮލުންކައިފާނެޔޭ ހީވާ ހާލުގައެވެ.

ރަށުގެ އޭރުގެ މާ މުދިމަކީ ސަމާސާ ބޭކަލެއް ނޫނެވެ. އޭނާގެ ފަންޑިތަވެރިކަމަކީ މުޖައްރިބު އެއްޗެކެވެ. ސާބިތުކަމާއެކު އޭނާ މީހުންނަށް ނަސޭހަތްތެރިވެލެއްވީ ހިމޭންވުމަށެވެ. ބިރު ނުގަތުމަށެވެ. މައްސަލަ ޙައްލު ކުރެވޭނެކަމުގެ ޔަޤީންކަން އޭނާ އަށް އޮތީ ޢިރާޤު ހަނގުރާމަ ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން ޖޯޖް ޑަބްލިޔު ބުޝް އަށް އޮތް ފަދައިންތޯއްޗެކެވެ.

ރޯމީހުން ރޮއި ނަގައެވެ. ޚަބަރު ހުސްވެފައިވާ މީހުން އެ ތިބިގޮތަށް \[ތަންޑާވެފައި\] އެ ތިބީ އެވެ. ހޭވެރިކަމުގައި ތިބި މީހުން ހެޔޮ އެއްޗެއް ކިޔޭތޯ އުޅޭ އުޅުމުގައި \[މަތީ ރަށްފުޅު\] \[މެދު ޒިޔާރަތް\] \[ޢަންމާ ފޮތް\] ފަދަ ހެޔޮ އެއްޗެހި ދުލުން ކިޔުނު މީހުން ވެސް ތިބޭނެ ތޯއްޗެކެވެ!!

މުދިންބެ ހަތިޔާރު ނެންގެވިއެވެ. ފެށްޓެވި ކިޔެވެލީގައި ފުރަތަމަ ވެސް ބޭރި ސިފަ ހިއްޕައިލިއެވެ. ނަތީޖާ އަކަށް ވީ އެއްވެސް އަތަކަށް ފިރާނުލެވި މުދިންބޭ ކުރައްވާނެ ކަމެއް ކުރައްވަންދެން، އެ ބޭރި ތަންހަރު ވެފައި ހުންނަން ޖެހުމެވެ. މުދިންބެ އޭނާގެ ހަމަލާ ކުރިޔަށް ގެންދެވިއެވެ. ބޭރީގެ ރޫ ހަރުގެތެރޭ ހުރި ބޯކެޔޮ މުޑިއެއްގައި ކުރަހައިލެއްވިއެވެ. އެ އަށްފަހު ކިޔެވެލި ވަރުގަދަ ކުރެއްވިއެވެ. އެންމެ ފަހުން ބޭރިޔަށް ޖެހުނީ އޭގެ ބިޔަ ހަށިގަނޑު މުދިންބެ ބުނުއްވި ކުޑަބޮޑުމިނަކަން ކުޑަކުރާށެވެ. އެކި ފަހަރު އެކި އިސްމުތައް ކިޔަވަމުން، ފުމެމުން ގޮސް އެންމެ ފަހުން ތޯލާ ފުޅިއަކަށް ވަދެވޭ ވަރަށް ބޭރި ކުޑަވެގެންފިއެވެ. ހަމަ އެހެންމެ އާޚިރު ނަތީޖާގައި މުދީންބޭގެ އަމުރަށް އެ ފުޅީގެ ތެރެއަށް ވަންނަން މަޖުބޫރުވެ އެ ކަން އެ ގޮތަށް ކޮށްފިއެވެ.

އެ ވަގުތު ފުޅީގެ މަތިޖަހައި ރަނގަޅަށް ބަންދު ކޮށްލައިފިއެވެ. ހަމަ އެހެންމެ ހަމަހޭވެރިކަން ގެއްލިފައި ތިބި މީސްތައް ވެސް ހޭ އަރުވައިފިއެވެ. އެ އަށްފަހު، ބޮޑު ކާދިރީ މަގުން އަތިރިމައްޗަށް ފައިބައި، ބޭރި ލީ ފުޅި ރަށުގެ އުރަފަށަށް ކަނޑުފެއްތުނެވެ. އަދި އަދަށް ދާންދެން ވެސް އެ ބޭރީގެ ވެސް ނުވަތަ އެ ނޫން ބޭރިއެއްގެ ވެސް ނުރައްކަލެއް ތޮއްޑުއަށް ފޯރިކަމަކަށް ނުވެއެވެ.

ވާހަކަ ކިޔައިދިން މީހުންކުރެ އިބުރާހީމްބެ ކުރެން އަހައިލީމެވެ. އިބުރާހީމްބެ އެރޭ ކޮބައިހެއްޔެވެ؟ ޖަވާބު ގައި ބުނީ ތިމަންނަ އެ ކަން ހިނގި ހަނދާނެއް ނުހުރެ އެވެ. އެއީ ތިމަންމެންގެ ތަންކޮޅެއް ކުރީގެ ކަމެކެވެ. އެކަމަކު ހަރުގެއަށް ޖަހައިފައި ހުރި މުޑިއާއި، އެ މުޑީގައި ކުރެހި ކަމަށް އެ ބުނާ ރޫ ތިމަން ވެސް ދުށީމެވެ.

އިބްރާހީމްބެ ގަބޫލުކުރާ ގޮތުގައި މި ވާހަކަ އަކީ ނާޑުކަތާ އެކެވެ. ފޯކުލޯރެކެވެ. އޭނާ އިތުރަށް ސާފުކޮށްދިން ގޮތުގައި ބޭރި އެރި ދިމާގެ ގޮތުގައި އެ ދެއްކުނީ ރަނގަޅުތަނެއް ނޫނެވެ. ބޭރި އެރި ދިމާއަށް ކިޔަނީ ބޭރި އެރި ނެރެވެ. އެއީ ބޭނުން ނުކުރާ ފަޅު ނެރެކެވެ. އެތާނގެ ގާތައް އޮންނާނީ ފުރޮޅިފައެވެ. ނަމަވެސް އަޅުގަނޑަށް އެ ފެނުނު މަގަކީ ކަށިވިދުރި ބޭލި ދިމާގެ ލިސާންކަމަށް ބުންޏެވެ. ކަށިވިދުރި ބޭލި ވާހަކަ ވެސް އެއީ މި ފަދަ އެހެން ވާހަކައެކެވެ.

ކޮންމެއަކަސް ބޭރީގެ ވާހަކަ ކިޔައިދިން މީހުންގެ އުމުރާއި އެ މީހުން އެ ބަޔާންކުރި ކަންކަމާ އަޅައި ބަލާއިރު ތޮއްޑޫގައި އެ ބުނާ ބޭރީގެ ހާދިސާއެއް ހިނގި ނަމަ، ހިނގި ގޮތަކަށް، ހިނގައިފައި ވާނީ މީގެ 150 ނުވަތަ 200 ވަރަކަށް އަހަރު ކުރީން ކަމަށް ލަފާކުރެވެއެވެ.

\\_\\_\\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_

**ނޯޓު:** މި ލިޔުން ލިޔެވިފައިވަނީ 2012ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

Your email address will not be published.

މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.

ދިވެހި ބަސްއަދަބިއްޔާތުލިޔުންތެރިން