ލިޔުން ކިޔައިފައިވާ ޢަދަދު: 514
އިންޖީނުލީ އެއްގަމު އުޅަނދު ބޭނުން ކުރާ މިންވަރު އިތުރުވުމަކީ ގެއްލުންހުރި ކަމެއް.
ލިޔުން ކިޔައިފައިވާ ޢަދަދު: 514...

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 3މިނިޓު \|
**ދުނިޔޭގެ** ތާރީޚަށް ބަލާއިރު އެއްގަމު ދަތުރުތަކަށް އިންސާނުން ބޭނުން ކުރީ ފުރަތަމަ އަހާއި ޖަމަލެވެ. ނަމަވެސް ޒަމާނާއި އެއްވަރަކަށް ޓެކްނޮލޮޖީ ކުރިއަރަމުން އައުމުގެ ސަބަބުން މިހާރު އެއްތަނުން އަނެއްތަނަށް ދާން ބޭނުންކުރަނީ އިންޖީނުލީ އުޅަނދުފަހަރެވެ. ރޭލާއި ކާރާއި އަދި ރެކިޝާއެވެ. ސައިކަލާއި ބައިސިކަލެވެ. މި އުޅަނދު ފަހަރު ބޭންކުރާ މިންވަރު އިތުރުވާ މިންވަރަކަށް އަޅުގަނޑުމެންގެ ސިއްޙަތަށާ ތިމާވެއްޓަށާ އިންސާނުންގެ ޢާންމު ދިރިއުޅުމަށް ލިބޭ ގެއްލުންވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި އިންޖުލީ އެއްގަމު އުޅަނދުފަހަރު ބޭނުންކުރުމަކީ ގެއްލުންހުރިކަމެކެވެ.
އަޅުގަނޑު ދެކޭގޮތުގައި އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ބޭނުން ކުރުމަކީ މަގުމަތި ތޮއްޖެހި ޢާންމު ދިރިއުޅުމަށް އުނދަގޫ ވެފައިވާ ކަމެކެވެ. މިކަމުގެ އެއްމިސާލަކީ ދިވެހިރާއްޖޭގެ ވެރިރަށް ކަމުގައިވާ މާލެ ސިޓީގެ މަގުތަކެވެ. މާލެއަކީ ގުދުރަތީގޮތުން ވެސް ބިމުގެ ޖާގަ ބޮޑު ރަށެއް ނޫނެވެ. ނަމަވެސް މާލޭގެ ހަނި މަގުތަކުގައި އެއްކޮޅުން އަނެއްކޮޅަށް ބަރިބަރިއަށް ބަހައްޓާފައި ހުންނަ ސައިކަލް ތަކުގެ ސަބަބުން މާލެ އަކީ ރާއްޖޭގެ އެންމެ ކުޑަރަށް ކަމަށް ވެސް އިޙުސާސް ވެއެވެ. ސަބަބަކީ ހިނގާބިނގާވެ އުޅެން ބޭނުންކުރަން ލިބޭ ބިންކޮޅުގެ ކުޑަކަމުންނެވެ. މިހެންވުމުން ގިނަފަހަރަށް އެ މަގުތަކުގައި ސައިކަލް ދުއްވަން ވެސް ގިނަ ފަހަރު ޖެހެނީ ބިންމަތީ ފައި ޖައްސަމުން ޖައްސަމުންނެވެ. މީގެ އިތުރުން މިހާވަރަށް ސައިކަލާއި ކާރު ގިނަވުމަކީ އަޑުގަދަވެ، މާހައުލު ނުސާފުވުމަށް ވެސް ދިމާވާ ސަބަބެކެވެ. މީގެ ސަބަބުން މާލޭގައި ކޮންމެ ކޮންމެ ވަގުތެއްގައި ނިދުން ވެސް ވެފައި އޮންނަނީ އުދަނގޫ ކަމަކަށެވެ. އެހެންކަމުން އިންޖީނުލީ އުޅަނދުތަކުގެ ސަބަބުން ޢާންމުދިރިއުޅުމަށް ވަނީ ދަތިވެފައެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންޖީނުލީ އުޅަނދުފަހަރު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ނުރައްކާތެރިކަމެކެވެ. އެއީ މިކަމުގެ ސަބަބުން ދިމާވާ އެކްސިޑެންޓްތަކުގެ ޢަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީއެވެ. ކޮންމެ އަހަރަކު ގާތްގަނޑަކަށް އެތައް ލައްކަ މީހުންނެއް އެކްސިޑެންޓްތަކުގެ ސަބަބުން މަރުވަމުން ދެއެވެ. ނުވަތަ ނުކުޅެދޭ މީހުންނަށް ވެއެވެ. މި އަދަދު މީސްކޮޅު މަދު ރާއްޖޭގައި ވެސް އަންނަނީ އިތުރުވަމުންނެވެ. ގަވާއިދުތަކެއް ހަދާފައި ހުއްޓަސް ސައިކަލާއި ކާރުފަދަ ތަކެތި ދުއްވާމީހުންގެ ތެރެއިން އެ ގަވާއިތުތަކަށް އަމަލުކުރާ މީހުން މަދުވުމުގެ ސަބަބުން މުޅިއުމުރު ނުކުޅެދޭ މީހުންގެ ގޮތުގައި ހޭދަކުރަން ޖެހިފައިވާ މީހުންވެސް މި ރާއްޖޭގައިވެސް މަދެއްނޫނެވެ. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި އިންޖީނުލީ އެއްގަމު އުޅަނދުގެ ސަބަބުން ލިބޭ ގެއްލުން ފޫނުބެއްދޭ ވަރަށް ބޮޑެވެ.
އަޅުގަނޑުގެ ނަޒަރުގައި އިންޖީނުލީ އެއްގަމު އުޅަނދުފަހަރުތަކުގެ ސަބަބުން ތިމާވެއްޓަށް ވެސް އެތައްގެއްލުމެއް ލިބެއެވެ. މި އުޅަނދުތަކުގެ އިންޖީނުން ދޫކުރާ ނުރައްކާތެރި އޮކްސައިޑްގެ އެޗް ނައިޓްރޯޖަން އަދި ކާރބޮން މޮނޮކްސައިޑްފަދަ ގޭސް ތަކަކީ މާހައުލަށް ދޫވުމުން މާހައުލު ތަޣައްޔަރުކުރާ ގޭސްތަކެވެ. އަދި މީގެ ބައެއް ގޭސްތަކުގެ ސަބަބުން ދުނިޔެ ހޫނުވުމަށްވެސް އަސަރުކުރެއެވެ. ނަތީޖާއަކަށް ވެގެންދަނީ ދުނިޔޭގެ އުތުރުތަނޑި އާއި ދެކުނުތަނޑީގައި އުފެދިފައިވާ ގަނޑުފެންތައް ވިރިގެން ކަނޑަށް އެޅި، ކަނޑުގެ ލޮނުގަނޑު އުފުލި މަތިވެގެން ދިއުމެވެ. އަދި މިކަމުގެ ސަބަބުން އުދައެރުން ފަދަ ޤުދުރަތީ ކާރިސާތައް ވެސް އިތުރުވެގެން ދެއެވެ. އެހެންކަމުން އިންޖީނުލީ އުޅަނދުފަހަރުގެ ސަބަބުން ހީވެސް ނުކުރާފަދަ ބޮޑެތި ގެއްލުން ވުމުގެ ފުރުސަތު އެބައޮތެވެ.
އަޅުގަނޑު ދެކޭގޮތުގައި އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ސިއްޙަތަށް ގިނަގުނަ ނޭނދެވޭ އެތައް އަސަރެއް ކުރެއެވެ. ކާރުތަކުގެ އިންޖީނުން ބޭރުކުރާ ކަރބޮންމޮނޮކްސައިޑް ގޭހަކީ ނުރައްކާތެރި ބައްޔެއްކަމުގައިވާ ކެންސަރަށް މަގުފަހިވާ ގޭހެއްކަން ސައިންސްވެރިންގެ ހޯދުންތަކުން އެނގިފައިވެއެވެ. ހަމަމިއާއެކު ކާރުތަކުގެ އިންޖީނުގެ ސަބަބުން އުފެދޭ ސަލްފަރޑައޮކްސައިޑް ނުވަތަ އެސިޑް ރެއިންއަކީ ފުއްޕާމޭގެ ބަލިތަކަށް މަގުފަހިކުރާ އެއްޗެއްކަން ވެސް އެކިއެކި ދިރާސާތަކުން އެނގިގެން ގޮސްފައިވެއެވެ. މީގެ އިތުރުން އަބަދު އިންޖީނުލީ އުޅަނދުތައް ބޭނުން ކުރުމުން ހިނގުމާ ބައިސިކަލް ދުއްވުންފަދަ ހަށިގަނޑަށް ކަސްރަތު ލިބޭ އެތައް ކަމަކުން މީހާ މަހުރޫމްކޮށްލައެވެ. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ސަބަބުން އިންސާނާގެ ސިއްޙަތަށް ވެސް ގިނަ ގެއްލުންތަކެއް ކުރިމަތިވަމުން އެބަދެއެވެ.
އިންޖީނުލީ އުޅަނދުތައް ބޭނުންކުރާ މިންވަރު ރާއްޖޭގައި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ފަސޭހަތަކެއް ލިބުމާ އެކު ވެސް މިކަމުން އެތައް ގިނަގުނަ ގެއްލުންތަކެއް އެބަ ކުރިމަތިވެއެވެ. އެއީ އިންޖީނުލީ އުޅަނދުތަކުގެ ސަބަބުން މަގުމަތި ތޮއްޖެހި ހިނގަން އުދަނގޫވުމާއި އެކްސިޑެންތައް ގިނަވެ މީހުންނަށާ މުދަލަށް ލިބޭ ގެއްލުން ވެސް ގިނައެވެ. އަދި ތިމާވެއްޓަށް ލިބޭ ެއްލުމާއި ސިއްޙީގޮތުން އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތައް ވެސް އަންނަނީ ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުންނެވެ. އެހެންކަމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންޖީނުލީ އުޅަނދާ ނުލާ އުޅެވެން ނެތް މިޒަމާނުގައި މިފަދަ އުޅަނދުތައް މަދުކުރަން ޖެހެއެވެ.
Your email address will not be published.
މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.